މާލޭ ސަރަހައްދުގައި 37 ދިވެހީން ހިފްޒުކޮށް ތަރާވީސްކުރާނެ، ގިނައީ ޒުވާނުން

ދެވަނަ ފިޔަވަހީގެ އާ މިސްކިތް: މާލޭ ސަރަހައްދުގައި 37 ދިވެހީން އިމާމުވެ ތަރާވީހް ނަމާދު ކުރާނެ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ރޯދަމަހު މާލޭ ސަރަހައްދުގައި 37 ދިވެހީން ހިފްޒުކޮށް ތަރާވީސް ނަމާދުކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރޯދަމަސް ފެއްޓޭނީ އަންނަ މަހުގެ މެދުތެރޭގައެވެ.

ވަޒީރު ޝަހީމް މިއަދު މީޑިއާއާ ހިއްސާކުރެއްވި މައުލޫމާތެއްގައި ބުނީ، މާލޭ ސަރަހައްދުގައި 37 ދިވެހި ހާފިޒުން އިމާމުވެ، ހިފްޒުކޮށް ތަރާވީސްކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ވަރަށް ޒުވާން އަދި ރީތިކޮށް ކިޔަވާ ހާފިޒުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަތީބުންނަށް ޚުތުބާ ކިޔުމުގެ ފުރުސަތު ދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެ ދެ މިސްކިތުގައި ވެސް އިމާމުވެ ތަރާވީސްކުރާނީ ދިވެހީންނެވެ.

އޭނާ ވިދާޅުވީ، ކުރުކޮށް ކިޔަވާ މިސްކިތްތައް އިތުރުކޮށްފައިވާނެ ކަމަށެވެ.

"އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީވެ،" އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް: އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާން ޚަތީބުން ރޯދަމަހު ޚުތުބާ ކިޔާނެ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެ ގޮތުން، އާންމުކޮށް ކުރިން ކުރުކޮށް ތަރާވީސް ނަމާދު ކުރާ، މަޖީދީ މަގުގައި ހުންނަ ސުލްތާން ޢާދިލް މިސްކިތުގައި މި ފަހަރު ކުރާނީ ދިގުކޮށް، ހިފްޒުކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އަލަށް އިމާރާތްކުރާ ބަރުބަރީ މިސްކިތުގައި ތަރާވީސްކުރާނީ ކުރުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނިންމީ ސުލްތާން ޢާދިލް މިސްކިތުގެ ޖަމާއަތް ބޮޑުވެ، ފާއިތުވި އަހަރުތަކުގައި މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު މާލޭ ސަރަހައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހާ ހާފިޒުންނަކީ ދިވެހީންނަށް ހެދުން ކަމަށެވެ. މި އަހަރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަ ޢީދު ނަމާދުކުރާ ބޭފުޅުންގެ ތެރޭގައި ވެސް ޒުވާން ޚަތީބުން ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ޚަތީބުން ތަމުރީނުކުރުމުގެ ގޮތުން ޒުވާނުންނަށް ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތުގެ ތެރެއިން މިހާރު ވެސް ގިނަ އަދަދެއްގެ ޒުވާނުން ތަމުރީނުކޮށް، އެ މީހުންނަށް އަންނަނީ ފުރުސަތު ދެމުންނެވެ. އެކަން ކުރީ ޚަތީބުންގެ ދަތިކަން ހައްލުކުރަން ކަމަށް ޝަހީމް މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް