އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ހަމަ އަގުގައި ވިއްކާނެ ވަގުތީ މާރުކޭޓެއް މާލޭގައި ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މި މާރުކޭޓު ތައްޔާރުކުރަނީ ކަމާ ގުޅުންހުރި އިދާރާތަކުގެ އެއްބާރުލުމާ އެކު ކަމަށެވެ.
މިނިސްޓްރީން ބުނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީ ރަށްރަށުގެ ދަނޑުތަކުން އުފައްދާ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަށެވެ. އެހެންވެ، ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެ، ވަގުތީ މާރުކޭޓެއް މާލޭގައި ގާއިމްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، މިނިސްޓްރީން ބުންޏެވެ.
މި މާރުކޭޓު އަމާޒުކުރަނީ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށް ކަމަށް، މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މާރުކޭޓުގައި ދަނޑުވެރި ރަށްރަށުން ދަނޑުވެރި އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިވާ ނަމަ، ރަށު ކައުންސިލުތަކުން ދަނޑުވެރިންނާ ގުޅިގެން، މިނިސްޓްރީއަށް ފޯމު ހުށަހެޅުމަށް އެގްރިކަލްޗާ މިނިސްޓްރީން އެދެއެވެ. އެ ފޯމު ފުރިހަމަކުރާއިރު، މިދިޔަ ރަމަޟާން މަހު އެ ރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި މިއަހަރު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އެނގޭނެ ގޮތަށް މައުލޫމާތު ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ރަމަޟާން މަހަށް ދަނޑުތައް އޮތީ ފައްކާވެފައި ކަމަށާއި، ދަނޑުތަކުން ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް، ދަނޑުވެރި މައިގަނޑު ދެ ރަށް ކަމަށްވާ އއ. ތޮއްޑުއާއި ތ. ކަނޑޫދޫން ބުނެފައިވެއެވެ.
އެގޮތުން ދަނޑުތަކުގެ ހާލަތު ބަލާލުމަށް 'ސަން' އިން ސުވާލުކުރުމުން ތޮއްޑޫގެ ކައުންސިލަރު އަދި ދަނޑުވެރިއެއް ކަމަށްވާ ޢާއިޝަތު ޖުނައިދާ ވިދާޅުވީ، އެ ރަށުގެ ގިނަ ދަނޑުގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ބައެއް ކަރާ ދަނޑުތަކުގައި ބަލި އެބަ އުޅޭ ކަމަށާއި، އެގޮތުން އެ ދަނޑުތަކުގައި ފަނި އެޅުމުގެ މައްސަލަ އަދި މުޅިން ހައްލުނުވާ ކަމަށް ޖުނައިދާ ވިދާޅުވިއެވެ.
ހަމައެއާއެކު، ދަނޑުތަކަށް ހޯދަންޖެހޭ ބޭސް ލިބެނީ އަގުބޮޑުކޮށް ކަމުން، ކަރާ ހައްދާ ދަނޑުތައް ރަނގަޅު ހާލަތުގައި ބެހެއްޓުމަށް ބޮޑެތި ޚަރަދު ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ބައެއް ދަތިތަކާއެކުވެސް ރަމަޟާން މަހު ލިބޭ އާމްދަނީ ރަނގަޅުވާނެ ކަމަށް ޖުނައިދާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކިއުކަމްބާ ފަދަ ތަރުކާރީ ބޭރުކޮށްގެން ލިބޭ އާމްދަނީ ވެސް ރަނގަޅުވާނެއެވެ.
ކަނޑޫދޫ ކައުންސިލުގެ ރައީސް އަޙްމަދު ރީޙާން 'ސަން'އަށް ވިދާޅުވީ، ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެ ރަށުގެ ދަނޑުވެރިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ބަރާބަރަށް ގެންގޮސް ރަނގަޅު އަދަދަކަށް އެ ރަށުން މިރުސް ބާޒާރަށް ނެރެވޭނެ ކަމަށެވެ. އެގޮތުން ދުވާލަކަށް ދެ ޓަނާ ގާތްކުރާ ވަރަށް މިރުސް ބޭރުކުރެވޭނެ ކަމަށް ރީޙާން ވިދާޅުވިއެވެ.