ހަމައެކަނި ދިވެހީންނަށް މަސައްކަތް ކުރެވޭ ގޮތަށް، ރޯދަމަހަށް ދަނޑުވެރިންގެ ބާޒާރުން ފުރުސަތު ހުޅުވާލައިފި

ރަމަޟާން މަހަށް ޚާއްސަ ދަތުރުވެރިންގެ މާރުކޭޓް: އަންނަ ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ބާވަތްތައް ވިއްކުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައި... ފޮޓޯ/ ޚަބަރު އޮންލައިން

ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާގޮތުން، މި މާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ވިއްކުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން މި މާރުކޭޓުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

މި އަހަރުގެ ތަރުޙީބަށް ބަލައި ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިހާރު ވަނީ އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމަށް ހުރިހާ ކައުންސިލްތަކަކަށް ސިޓީއަކުން އަންގާފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ވުޒާރާއަށް އެންގުމަށް އެދިފައިވާކަމަށް ވެސް އޮފިޝަލް މައުލޫމާތުދެއްވިއެވެ.

މީގެ އިތުރުން ނަން ހުށަހަޅާ ރަށްރަށަށް ބަލައި، އަންނަ އަހަރުގެ ރަމަޟާން މަހަށް މާރުކޭޓު ގާއިމްކުރާނެ ތަނެއް ކަނޑައަޅާނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މި އަހަރު ހާބަރު ސަރަޙައްދުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމުކުރި "ދަނޑުވެރިންގެ ބާޒާރު" ގައި މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތަކާއި، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ރަށްރަށުގެ އުފެއްދުންތައް ވަނީ ވިއްކާފައެވެ.

މި ބާޒާރުގެ މައިގަނޑު ބޭނުމަކީ މެދުވެރިއަކާ ނުލައި ދަނޑުވެރިންނަށް އެކަށީގެންވާ ނަފާއެއް ހޯދައިދިނުމާއި، އާންމުންނަށް ހެޔޮ އަގުގައި ތާޒާ ކާބޯތަކެތި ފޯރުކޮށްދިނުމެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ. އެގޮތުން، މި މާރުކޭޓަކީ ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށް ޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ މާރުކޭޓެކެވެ. މި މާރުކޭޓުގައި ތިބެވޭނީ ހަމައެކަނި ރަށްރަށުން ކަނޑައަޅާ އެ ރަށަކަށް ނިސްބަތްވާ ދިވެހީންނަށް އެކަންޏެވެ.

comment ކޮމެންޓް