މާލެ ތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދުލެއް ނުކުރާނަން، ފެސިލިޓީ ހަވާލުކުރަން 2 ފަހަރަށް އެދެފިން: މޭޔަރު

މާލޭގެ މޭޔަރު އާދަމް އާޒިމް: ވިދާޅުވީ، ބުޅަލުގެ ނަޖިސް މާލެތެރެއަށް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ފެސިލިޓީ ހަވާލުކުރަން ދެފަހަރަށް އެދެފިން ކަމަށް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ސަރުކާރަށް ނުދެއްކޭނެ ކަމަށް ވިދާޅުވެ، ބުޅާތައް ގެންދަން ފަރުކޮޅުފުށީގައި އެޅި ބުޅާ ފެސިލިޓީ ހަވާލުކުރުމަށް ދެ ފަހަރަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި އެދިފައިވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ބުޅާ ގިނަވެ، ނަޖިހަށް އެރޭކަމުގެ ޝަކުވާތައް މީހުން ކުރެއެވެ. އެ މައްސަލައަށް ހައްލެއް ގެނައުމަށް މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި ހުޅުމާލޭގައި ފެސިލިޓީއެއް ވަނީ އަޅާފައެވެ. އެ ތަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު، 2024 ގައި ވަނީ ހުޅުވައިދެއްވާފައެވެ.

އޭގެ ފަހުން، އެ ތަން ހިންގުމަށް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ. އެކަމަކު، ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ނާދެއެވެ.

މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ މި ކަންކަމާ ގުޅުވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ގޮތުން، މާލޭގެ ބައެއް ސަރަހައްދުތަކުގައި ބުޅަލުގެ ނަޖިސް ހުންނަކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. ސިޓީ ކައުންސިލުން ގަވާއިދުގެ ކުރާ މަސައްކަތުގެ ތެރެއަށް ބުޅަލުގެ ނަޖިސް ނެގުން ލާން ޖެހޭ ކަމަށް ސައިފް ގަބޫލުކުރައްވައެވެ.

މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ސައިފް ވަނީ ބުޅާތައް ގެންދަން ހެދި ފެސިލިޓީއަށް އެކަށީގެންވާ މިންވަރަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. އެ ފެސިލިޓީއަށް އެގްރިކަލްޗާ މިނިސްޓްރީން 30 ބުޅާ ލައިގެން 'ބަލަހައްޓައިގެން' ތިބުމުން ބުޅަލުގެ މައްސަލަ ހައްލުނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ވާހަކަ ދެއްކީމާ ވިދާޅުވަނީ އެ ފެސިލިޓީ ހުރީ ރެޑީއަކަށް ނޫނޭ. މާލޭގެ މަގުމަތި އެ ހުރީ ބުޅާ ގުއިރޭން ރެޑީއަށްތޯ. އެ ފެސިލިޓީ ހުރީ އެންމެ ފުރިހަމައަކަށް ނޫން. މަގުތައް އެ ހުރީ އެންމެ ފުރިހަމައަށްތޯ ބުޅާ ވިހައިގެން އުޅެން،ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު

އެ ކަމާ ގުޅިގެން މޭޔަރު ވިދާޅުވީ، ބުޅަލުގެ މައްސަލަ ހައްލު ނުވާތީ އެ ތަން ހަވާލުކުރުމަށް އެދި ދެ ފަހަރަށް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ގޮތުން، ސިޓީ ކައުންސިލުން ފެސިލިޓީ ހަދާފައި އެ ހުރީ، މާލޭގައި އުޅޭ ބުޅާތައް ގެންގުޅެވޭ ވަރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެހެންވީމާ އެއްވެސް އުޒުރެއް މިއަދަކު ނުދެއްކޭނެ މާލެ ތެރެއަށް ބުޅާ ނަޖިސް އަޅަން ދޫކުރާކަށެއް. ސަރުކާރަށް ވެސް ނުދެއްކޭނެ. [ފެސިލިޓީ ހިންގަން ހަވާލުކުރި ފަރާތް] އެ ފަރާތަށް ވެސް ނުދެއްކޭނެ. އެ ފަރާތަށް ނުވަންޏާ ހަވާލުކުރަންވީ މިއަދު ވެސް، މާލޭގެ މޭޔަރު އާދަމް އާޒިމް

ބުޅާތަކެއް --- ސަންފޮޓޯ/ ފަޔާޒު މޫސާ

މޭޔަރު ވިދާޅުވި ގޮތުގައި، ބުޅާ ފެސިލިޓީ ހަވާލުކޮށްފައި ހުރި ފަރާތުން އެ ތަން ބަލަހައްޓަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށެވެ. މީގެ ކުރީގައި އެ ފަރާތަކީ، ބުޅަލުގެ ހައްގުގައި އެންމެ ގަދައަށް ވަކާލާތުކުރި ފަރާތް ކަމަށް ވީނަމަވެސް، މިއަދު އެކަން ނުކޮށް ބުޅާ ނަޖިސް ނުނަގާ ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހު އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ"އަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

https://sun.mv/206001

ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ޚަރަދުވާނެ ކަމަށާއި، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ ފަހުން، އެ ފެސިލިޓީގައި ފެތުރުނު ބަލިމަޑުކަމެއްގެ ސަބަބުން ޖުމުލަ 26 ބުޅާ މަރުވި މައްސަލައެއް ވެސް ފެންމަތިވިއެވެ.

comment ކޮމެންޓް