އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ޝޯތަކެއް މި އަހަރުގެ އޭޕްރިލް މަހު އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރެޕް ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ކާންޔޭ އިންޑިއާގައި ބާއްވާ ފުރަތަމަ މިއުޒިކް ޓުއާ އިއުލާނުކޮށްފައިވީ ނަމަވެސް އެ ޓުއާގެ އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. އެހެންވެ, އޭނާގެ ޝޯތައް ބާއްވަނީ އިންޑިއާގެ ކޮން ސިޓީއެއްގައި ކަމާއި ޝޯ ދޭނެ ތާރީޚު ވެސް އަދި ނޭނގެއެވެ.
ކާންޔޭ ފަދަ ދުނިޔޭގެ ނުފޫޒުގަދަ ލަވަކިޔުންތެރިންގެ ތެރޭ ހިމެނޭ ފަންނާނަކު އިންޑިއާގައި ޝޯއެއް ދިނުމަކީ އެ ޤައުމުގެ މިއުޒިކް އިންޑަސްޓްރީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ބޭރު ޤައުމުތަކަށް އިންޑިއަން މިއުޒިކް އިތުރަށް ތައާރަފުވުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކާންޔޭ ކުރީގެ އަންހެނުން ކިމްއާ އެކު--ފޮޓޯ/ގްލޭމަ
ހިޕް-ހޮޕް، ގޮސްޕެލް އަދި އެކްޕެރިމެންޓަލް ޖޯންރާގެ ލަވަތައް ގެނެސްދިނުމުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ކާންޔޭ ފެޝަން ދުނިޔޭގައި ވެސް ވަރަށް ނަން ހިނގާ އާއްމުންގެ ސަމާލުކަން ހޯދާފައިވާ ފަންނާނެކެވެ. މިހާތަނަށް 24 ގްރެމީ އެވޯޑާ އެކު ތާރީޚުން ޖާގަ ހޯދާފައިވާ ލަވަކިޔުންތެރިޔާގެ މަޝްހޫރު ލަވަތަކުގެ ތެރޭ "ގޯލްޑް ޑިގާ"، "ސްޓްރޯންގާ"، "ގުޑް ލައިފް" އަދި "އަލްޓްރާލައިޓް ބީމް" ހިމެނެއެވެ.
ކާންޔޭ ވަނީ މީގެ އަހަރުތަކެއް ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ޒިޔާރަތްކޮށްފައެވެ. ނަމަވެސް، އެއީ މިއުޒިކާ ގުޅުންހުރި ދަތުރުތަކެއް ނޫނެވެ. ކާންޔޭގެ ފުރަތަމަ ދަތުރަކީ އޭނާ ސްޕްރިޗުއަލް ރީޓްރީޓަކަށް އެ ޤައުމަކަށް ކުރި ދަތުރެކެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ކާންޔޭ ވަނީ އޭނާގެ ވިމެންސް ފެޝަން ލޭބަލް ޕްރޮމޯޓުކުރުމަށް އިންޑިއާގެ މުމްބާއީއަށް ދަތުރެއް ކޮށްފައެވެ.
އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ކުރީގެ ފިރިމީހާ މިހާރު ކައިވެނިކޮށްގެން އުޅެނީ އޮސްޓްރޭލިއާގެ އާޓިސްޓެއް ކަމަށްވާ ބިއަންކާ ސެންސޯރީއާއެވެ. ކާންޔޭއާއި ކިމް ކާޑޭޝިއަންގެ ކައިވެންޏަށް ހަތަރު ކުދިން ވަނީ ލިބިފައެވެ.
ކާންޔޭ އިންޑިއާގައި ޝޯތަކެއް ދޭން ހަމަޖެހިފައިވާއިރު މިހާތަނަށް ވަރަށް ގިނަ ބޭރުގެ މަޝްހޫރު ފަންނާނުން ވަނީ އެ ޤައުމުގައި ޝޯތަކެއް ދީފައެވެ.
އޭގެ ތެރޭގައި އެޑް ޝީރަން، ޖަސްޓިން ބީބާ، ޑުއާ ލިޕާ، އޭކަން، ޝޯން މެންޑޭޒް، ޖޯނަސް ބްރަދާސް، މެރޫން 5، ބެކްސްޓްރީޓް ބޯއިސް އަދި ކޯލްޑްޕްލޭ ހިމެނޭއިރު ޖަރުމަނުގެ އައިކޮނިކް ބޭންޑް "ސްކޯޕިއަން"އިން ވެސް އޭޕްރިލް މަހު އިންޑިއާގައި ޝޯތަކެއް ބާއްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.