ޖަޕާނު މީހުން، ޗީޒްކޭކް މި ހަދަނީ މާ ފަސޭހަކޮށް

ޗީޒް ކޭކަކީ އެ ތައްޔާރުކޮށްލުމަށް އަގު ބޮޑެތި ބާވަތްތައް ބޭނުންވާ އެއްޗެކެވެ. އެހެންނަމަވެސް, ޗީޒް ކޭކް ކާހިތްވާ މީހުންނަށް މާ ބޮޑު ޚަރަދެއް ނުކޮށް އެ ތައްޔާރުކޮށްލެވޭނެ ވަރަށް ފަސޭހަގޮތެއް އެބައޮތެވެ.

މި ފަހުން އިންޓަނެޓުގައި "ޖެޕެނީޒް ޗީޒް ކޭކް"ގެ ނަމުން ވައިރަލްވެފައިވާ ވީޑިއޯތައް ބަލާލުމުން އެއީ މާ ބޮޑު މަސައްކަތަކާ ނުލައި ތައްޔާރުކޮށްލެވޭ ބާވަތެއްކަން އެނގެއެވެ. "ޖެޕެނީޒް ޗީޒް ކޭކް" މި ނަން އަޑުއިވުމުން އެއީ ވަރަށް އަގުބޮޑު ކޭކެއް ކަމަށް ފުރަތަމަ ހީކުރެވުނަސް, މި ކޭކް ތައްޔާރުކޮށްލަން ބޭނުންވަނީ ނެޗުރަލް ގްރީކް ޔޮގަޓް އަދި ބިސްކޯދެވެ.

އެ މީހަކު ބޭނުންވާ ވައްތަރެއްގެ ބިސްކޯދެއް ބޭނުންކުރި ނަމަވެސް މި ކޭކް ތައްޔާރުކޮށް އޭގެ ރަހަ ބަލާލަފައިވާ ގިނަ ބަޔަކު ލަފާ ދެނީ ލޮޓަސް ބިސްކޮފް ބްރޭންޑްގެ ބިސްކޯދު ބޭނުންކުރުމަށެވެ. ސަބަބަކީ, އެއީ މި ކޭކްގެ ރަހަ އިތުރަށް މީރުކޮށް އޭގެ ފޮނި ރަހަ ހެޔޮވަރު ކޮށްލަދޭނެ އުފެއްދުމަކަށްވުމެވެ.

"ޖެޕެނީޒް ޗީޒް ކޭކް"ގެ ނަމުގައި ވައިރަލްވަމުން އަންނަ ކޭކް--ފޮޓޯ/އެމްއެސްއެން

"ޖެޕެނީޒް ޗީޒް ކޭކް" ތައްޔާރުކޮށްލުމަށް ޔޮގަޓް ތަށީގެ ތެރެއަށް ބިސްކޯދުތައް ލުމަށް ފަހު, 24 ގަޑިއިރަށް އެ ފްރިޖުގައި ފިނިކޮށްލަން ބަހައްޓަންޖެހެއެވެ. ބޭނުންނަމަ ރޭގަނޑު މި ތައްޔާރުކޮށްލުމަށް ފަހު, ހެނދުނު ކެއުމަށް ބޭނުން ކުރެވިދާނެއެވެ.

ޗީޒް ކޭކް ތައްޔާރުކުރުމަށް އާއްމުކޮށް ބޭނުންކުރާ ކްރީމް ޗީޒް، ސަވަ ކްރީމް، ބިސް އަދި ހެވީ ކްރީމްއާ ނުލާ މިއީ ހަމައެކަނި އެންމެ ދެ ބާވަތް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ކޭކެއް ކަމަށް ބުނެ, ގިނަ ބަޔަކު އަންނަނީ އޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މި ކޭކް ތައްޔާރުކުރާ ވީޑިއޯތައް މިހާރު ވައިރަލްވެ, ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯތަކަށް ލިބެމުން އަންނައިރު މިއީ 'ލޯ-ކެލޮރީ' ފޮނި ކެއުމެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. މި ކޭކް ތައްޔާރުކުރުމުގެ ޓްރެންޑް ފެށުނީ ޖަޕާނުގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މި ތައްޔާރުކުރާ މަންޒަރު ވައިރަލްވުމާ ގުޅިގެންނެވެ. ޖަޕާނު މީހުން ޔޮގަޓާ އެކު ބިސްކޮފް ބިސްކޯދުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ އެ ޤައުމުގެ އުފެއްދުމެއް ކަމަށްވާ ސެބްލް ކުކީސްއެވެ.

"ޖެޕެނީޒް ޗީޒް ކޭކް"އަކީ 1960ގެ އަހަރުތަކުގެ ތެރޭ ޖަޕާނުގެ މަޝްހޫރު ޝެފް ޓޮމޮތަރޯ ކުޒޫނޫ ތައާރަފުކުރި ވަރަށް އައިކޮނިކް ކޭކެކެވެ. އެ ނަމުގައި ބަޔަކު މީހުން ދެ ބާވަތެއް ބޭނުންކޮށްގެން މުޅިން ތަފާތުގޮތަކަށް ޗީޒް ކޭކްގެ ނަމުގައި އާ ބާވަތެއް ވައިރަލްކުރީ ގިނަ ބައެއްގެ ސަމާލުކަން ހޯދުމަށް ކަމަށް އެއް ބަޔަކު ވަނީ ބުނެފައެވެ.

ކޮންމެއަކަސް ފާހަގަކޮށްލަންޖެހޭ ކަމަކީ މި ކޭކް ޓްރެންޑްވާން ފެށުމާ އެކު ސޯޝަލް މީޑިއާގައި ނަން މަޝްހޫރު ގިނަ ބަޔަކު މީގެ އަޖުމަ ބަލާލުމަށް ފަހު، މިއީ ކޮންމެހެން ވެސް ތައްޔާރުކޮށްލަން ރަނގަޅު ބާވަތެއް ކަމަށް ބުނެފައިވާ ކަމެވެ.

ގިނަ ބައެއްގެ ސަމާލުކަން މި ޓްރެންޑަށް ލިބިފައިވާއިރު، މިއިން ޗީޒް ކޭކެއްގެ ރަހަ ނުކުންނާނެކަމާ މެދު ދެބަސްވާ މީހުން ވެސް މަދެއް ނޫންނެވެ.

ޔޮގަޓްއިން ޗީޒްގެ ރަހަ ނުނުކުންނާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު ހަގީގީ ޗީޒް ކޭކް ކެއުމުން އެ ލިބޭ ހިތްހަމަޖެހުން "ޖެޕެނީޒް ޗީޒް ކޭކް"ގެ ނަމުގައި ވައިރަލްވެފައިވާ ބާވަތުން ނުލިބޭނެ ކަމަށް ވަރަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ކޮންމެއަކަސް މީގެ ހަގީގަތް އެނގޭނީ މިކަން ތަޖުރިބާކޮށްލުމުންނެވެ.

comment ކޮމެންޓް