އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ 2 މީހުން 15 ދުވަހަށް ބަންދުކޮށްފި

އެއާޕޯޓުގައި ހަމަނުޖެހުން ހިންގުން: އެ މީހުން ވަނީ 15 ދުވަހަށް ބަންދުކޮށްފައި -- ފޮޓޯ/ އެމްވީ ކްރައިސިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށް، އިއްޔެ ކްރިމިނަލް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި ހާދިސާ ހިނގީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ 12:15 އެހާކަންހާއިރެވެ.

އެ ދުވަހު ފުލުހުން ބުނީ، ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުން ހާޒިރުކޮށް، މައުލޫމާތު ސާފުކޮށް، ނަސޭހަތްދީފައިވާ ކަމަށެވެ.

އޭގެ ފަހުން އެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އާދިއްޔަ ދުވަހެވެ. އެއީ، ސްރީލަންކާއަށް ނިސްބަތްވާ 46 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން އިއްޔެ އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ދެ މީހުން ކަމަށް އެ މީހުންގެ ވަކީލުން ކޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި، އެއާޕޯޓުގައި ހަމަނުޖެހުން ހިންގީ ކުށެއް ކުރުގެ ނިޔަތުގައި ނޫން ކަމަށް ވެސް އެ މީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް