ހާފިޒުންގެ ދަސްވެނިވުން ރޯދަމަހުގެ 12ވަނަ ދުވަހުގެ ރޭ

ހާފިޒުންތަކެއް: މިނިސްޓަރު ވިދާޅުވީ ހާފިޒުންގެ ދަސްވެނިވުން އޮންނަނީ ރޯދަމަހުގެ 12ވަނަ ދުވަހުގެ ރޭ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު އޮންނާނީ ރަމަޟާންމަހުގެ 12ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށް ނިންމާފައިވެއެވެ.

އަދި އަންނަ ރޯދަ މަހު 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

މީގެކުރިން ނިންމާފައިވަނީ އެ ރަސްމިއްޔާތު ރޯދަ މަހު 27 ވިލޭރޭ ބޭއްވުމަށެވެ. ނަމަވެސް ތާރީޚު ބަދަލުކުރައްވައި ޝަހީމް މިރޭ ވިދާޅުވީ އެ ރަސްމިއްޔާތު އޮންނާނީ އަންނަ ރޯދަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން، ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ސަރުކާރުން ހާފިޒުންގެ އެލަވަންސް ބޮޑުކުރިކަން ޝަހީމްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

މިވަގުތު ރާއްޖޭގައި ތިބީ 305 ހާފިޒުންނެވެ. މި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500އަށް އަރާނެ ކަމަށް ޝަހީމް މީގެ ކުރިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

https://sun.mv/215994

އަދި، އެންމެ ގިނަ މީހުން ގުރުއާން ހިތުދަސް ކުރުމަށް ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ހާފިޒުންގެ އެލަވަންސްގެ ގޮތުގައި ސަރުކާރުން ދެމުން ދިޔައީ 2000 ރުފިޔާގެ އެލަވަންސެކެވެ. މި ސަރުކާރުން ވަނީ އޮގަސްޓު ހަތަރެއްގައި އެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ގުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގައި ވަރަށް ގިނަ ދަރިވަރުންނާއި، ބޮޑެތި މީހުން ވެސް ޚާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ.

comment ކޮމެންޓް