މިއަހަރުގެ މިހާތަނަށް 21 ހާފިޒުން ގުރްއާން ހިތުދަސްކޮށްފި، އަންނަ ރޯދަ މަހު 30 ހާފިޒުން ދަސްވެނިވާނެ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، މިނިސްޓަރު ޝަހީމް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި ދަރިވަރުންތަކަކާ އެއްކޮށް---ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށް ނިންމައިފި ކަމަށާއި އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރްއާން ހިތުދަސްކޮށް ނިންމުމުގެ އިމްތިހާނު ހަދާފައިވާ ކަމަށެވެ. ހަތް ކުއްޖެއްގެ އިމްތިހާން މިހާރުވެސް ކުރިއަށްދާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި، އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ މައުލޫމާތު ދެއްވާފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރު ހާފިޒުކަމުގެ އިމްތިހާނު ފުރިހަމަކުރި ކުދިންގެ ނިސްބަތް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ޝަހީމް ވިދާޅުވީ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާއެއް ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނީ މިދިޔަ ރޯދަމަހުގެ 27 ވިލޭރޭގައި ކަމަށެވެ. އަދި، އަންނަ ރޯދަމަހުގެ 27 ވިލޭރޭގައި، 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ ފަރާތްޕުޅުން ދެއްވާ މެޑަލް ހާޞިލްކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝަހީމް މައުލޫމާތު ދެއްވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން، ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ސަރުކާރުން ހާފިޒުންގެ އެލަވަންސް ބޮޑުކުރިކަން ޝަހީމްގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

މިވަގުތު ރާއްޖޭގައި ތިބީ 305 ހާފިޒުންނެވެ. މި ފަސް އަހަރުގެ ތެރޭގައި އެ އަދަދު 500އަށް އަރާނެ ކަމަށް ޝަހީމް މީގެ ކުރިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

އަދި، އެންމެ ގިނަ މީހުން ގުރުއާން ހިތުދަސް ކުރުމަށް ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

https://www.sun.mv/212012

މީގެ ކުރިން ހާފިޒުންގެ އެލަވަންސްގެ ގޮތުގައި ސަރުކާރުން ދެމުން ދިޔައީ 2000 ރުފިޔާގެ އެލަވަންސެކެވެ. މި ސަރުކާރުން ވަނީ އޮގަސްޓު ހަތަރެއްގައި އެ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ގުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގައި ވަރަށް ގިނަ ދަރިވަރުންނާއި، ބޮޑެތި މީހުން ވެސް ޚާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ.

comment ކޮމެންޓް