ފުވައްމުލައް ސިޓީގެ ގުދުރަތީ ރީތިކަން ބަލަން ތައްޔާރުކޮށްފައި ހުރި ބޯޑް ވޯކުތަކަށް ތަކުރާރުކޮށް ގެއްލުން ދޭ މައްސަލަ ބޮޑުވެއްޖެއެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިކުރީ ފުވައްމުލައް ސިޓީ ކައުންސިލުންނެވެ.
އެ ކައުންސިލުން ހިތަމާޔާ އެކު ބުނި ގޮތުގައި ރަށުގައި މީހުން ޒިޔާރަތްކުރުމަށް ހަދާފައި ހުރި ބޯޑުވޯކުތަކަށް ތަކުރާރުކޮށް، ބަޔަކު ދަނީ ގެއްލުން ދެމުންނެވެ.

ފުވައްމުލަކުގެ ބޯޑްވޯކުގެ ރެއިލިންތަކަށް ގެއްލުންދީފައި --- ފޮޓޯ/ ކައުންސިލް
އެ ތަންތަނަށް ގެއްލުންދީފައި ހުރި ފޮޓޯތައް ވެސް އެ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ. މި ގޮތުން، ބައެއް ރެއިލިންތައް މަދުކަން އެ ފޮޓޯތަކުން އެނގެއެވެ.
އޭގެ އެއް ހާދިސާ ހިއްސާކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، އެ އިދާރާގެ މުވައްޒަފުން ބަންޑާރަ ކިޅި ބޯޑްވޯކް ސާފުކުރަން ދިޔައިރު، ބޯޑްވޯކްގެ ހަޓްގެ ރެއިލިންތައް ހަލާކުކޮށްފައި، ޗަސްބިން ތެރެއަށް އުކާލާފައިވާކަން އެނގުނު ކަމަށެވެ.
އޭގެ އިތުރަށް، އެތައް ފަހަރެއްގެ މަތިން މި ބޯޑްވޯކްގެ ރެއިލިންތަކުގެ ކެޕްތައް ނައްޓާ ވިނަގަނޑު ތެރެއަށް އުކާލުމާއި ކަނޑާ ނަގެމާއި ދެއްޔާއި ދަވާދު ފަދަ ތަކެތިން ކުރަހައި ލިޔާކަން ފާހަގަކުރިއެވެ.

ފުވައްމުލަކުގެ ބޯޑްވޯކުގެ ރެއިލިންތަކަށް ނައްޓާފައި ---- ފޮޓޯ/ ކައުންސިލް
"ހަލާކުކޮށްފައިވާ މިންވަރުންނާއި ރެއިލިންއަށް ބޭނުންކުރާ މެޓީރިއަލްއަކީ ހޯދަން ދަތި އަދި އެހާމެ އަގުބޮޑު މެޓީރިއަލްއަކަށް ވާތީ މި ތަންތަން މަރާމާތުކުރުމަކީ އުނދަގޫ އަދި އެހާމެ ޚަރަދު ބޮޑު މަސައްކަތެއް،" އެ ކައުންސިލުން ބުންޏެވެ.
އެހެންވެ، އެ ތަންތަން ބޭނުން ކުރާ އެންމެން ވެސް ތަނަށް ގެއްލުން ނުލިބޭނޭ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި އެއްވެސް މީހަކު ބޯޑްވޯކަށް ގެއްލުންދޭތަން ފެނުނުނަމަ ވީހާ ވެސް އަވަހަކަށް އެކަން ރިޕޯޓުކޮށްދިނުމަށް އެދިފައިވެއެވެ.
އެއީ، އެ ސިޓީގެ ޤުދުރަތީ ވެށީގެ ހިތްގައިމުކަން ބަލާލުމަށް ހެދިފައިވާ ތަންތަންކަން ފާހަގަކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، އަންނަން އޮތް ޖީލުތަކަށް މިތަންތަނުގެ ހިތްގައިމުކަން ލިބޭނޭ މަގުފަހިކޮށްދިނުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ރަށްތަކުގައި ހަދާފައި ހުންނަ ތަންތަނަށް ގެއްލުންދޭ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.