މީހެއްގެ މުދަލަކަށް ވުރެ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު، އެއީ މުޖުތަމައުގެ ހައްގަކަށް ވާތީ: ޚުތުބާ

ބަޔަކު ނަމާދަށް އަރަނީ: މީހެއްގެ މުދަލަކަށް ވުރެ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމަށާއި އެއީ މުޖުތަމައުގެ ހައްގަކަށް ވާތީ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހެއްގެ މުދަލަކަށް ވުރެ ރައްޔިތުންގެ މުދަލަކަށް ޚިނާޔާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމަށާއި އެއީ މުޅި މުޖުތަމައުގެ ހައްގަކަށް ވާތީ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދު އިއްވި ޚުތުބާގައި ފާހަގަކުރީ، އަމާނާތްތަކަށް ރައްކާތެރިވުމުގެ ވާހަކައެވެ.

ޚުތުބާގައި ވަނީ، އަހަރެމެންނަށް ﷲ ދެއްވާފައިވާ އެކި އަމާނާތްތަކުގެ ވާހަކަތައް ބަޔާންކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ވަސިއްޔަތްކޮށްފައެވެ.

އެގޮތުން، ﷲ ދެއްވާފައިވާ ގުނަވަންތަކަކީ އަހަރެމެންނާ ހަވާލުކޮށްފައިވާ އަމާނާތްތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ. ހަމަ އެފަދައިން، ދަރީންނަކީ ވެސް އަމާނާތެއް ކަން ޚުތުބާގައި ފާހަގަކުރިއެވެ.

ހުކުރު ނަމާދުގައި ކުޑަކުދިންތަކެއް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އެ ކުދިންނަށް ހެޔޮ ގޮތުގައި ތަރުބިއްޔަތު ނުދީ، ހައްގުތައް އަދާކުރުމުގައި އިހުމާލުވެއްޖެނަމަ، ﷲ ހަވާލުކުރައްވާފައިވާ އަމާނާތަކަށް ޚިޔާނާތެއް ވެވުނީ ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެއިތުރުން، އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި ބުރަދަންހުރި އެއްޗެއް ކަމަށާއި މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އަމާނާތްތެރިއަކަށް ވެގެން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނި ގޮތުގައި، އަހަރެމެން އެންމެ ބޮޑަށް ރައްކާތެރިވާން ޖެހޭ އެއް އަމާނާތަކީ ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާއެވެ. އެއީ، ބޮޑުވެގެންވާ އަމާނާތެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.

"މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑެވެ. ސަބަބަކީ އެއީ މުޅި މުޖުތަމަޢުގެ ޙައްޤަކަށްވާތީއެވެ" ޚުތުބާގައި ބުނެފައިވެއެވެ.

ބަޔަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު މާވީ

ހަމަ އެހެންމެ، އަހަރެމެން އަދާކުރާ ވަޒީފާތަކާއި އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ވަނީ، މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެއްކަން ހަނދާންކޮށްދީފައެވެ.

ދެން ޚުތުބާގައި ބުނީ، އަަމާނާތްތެރިކަން ނެތި ގޮސް ޚިޔާނާތްތެރިވުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި، ޙައްޤުތައް ގެއްލޭނޭ ކަމެއް ކަމަށެވެ. އެ ކަމުގެ ނަތީޖާއަކަށް ވާނީ، ދުނިޔޭގައި ނިކަމެތިވުމުގެ އިތުރަށް، އާޚިރަތުގައި ގަދަފަދަވެގެންވާ ކޯފާއާއި ޢަޒާބާ ކުރިމަތިލާން ޖެހުން ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާ ނިންމާލީ، ހުރިހާ އަމާނަތްތަކަށް ރައްކާތެރިވެ، ﷲއަށް ބިރުވެރިވާން މުސްލިމުންނަށް ވަސިއްޔަތްކުރަމުންނެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ އިސްލާމްދީނުގައި އަމާނާތްތެރިވުމަށް ދީފައިވާ މަތިވެރި މަޤާމާއި، އަމާނާތްތަކަށް ރައްކާތެރިވުމުގެ މައްޗަށެވެ. އެގޮތުން، الله ދެއްވާފައިވާ ގުނަވަންތަކާއި ދަރިންނަކީވެސް އަމާނާތެއްކަމާއި، އެ ކުދިންނަށް ހެޔޮ ތަރުބިއްޔަތު ނުދިނުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމަކީ ފަރުދެއްގެ މުދަލަށް ޚިޔާނާތްތެރިވުމަށްވުރެ ފާފަ ބޮޑު ކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ. ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވަގުތަށް ފަރުވާކުޑަކުރުމަކީވެސް ބޮޑުވެގެންވާ ޚިޔާނާތެކެވެ. އަމާނާތްތެރިކަން ނެތިދިއުމަކީ މުޖުތަމަޢުގެ ބިންގާ ރޫޅި، ކޮރަޕްޝަން ފެތުރި، ދުނިޔެއާއި އާޚިރަތުގައި އޭގެ ގެއްލުމާއި ޢަޒާބު ލިބޭނެ ކަމެއްކަމަށް ޚުތުބާގައި އިންޒާރުދީފައިވެއެވެ.

  • ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމަކީ މުޅި މުޖުތަމަޢުގެ ޙައްޤަކަށް އަރައިގަތުންކަމަށް ވާތީ އެއީ އެންމެ ބޮޑު އެއް ފާފައެވެ.
  • الله ދެއްވާފައިވާ ގުނަވަންތަކާއި ދަރިންނަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ.
  • އަދާކުރާ ވަޒީފާއާއި ވަޒީފާގެ ވަގުތުތަކަށް ފަރުވާތެރިވުމަކީ އަމާނާތްތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.
  • މީހުން އިތުބާރުކޮށްފައި ކިޔައިދޭ ސިއްރު ވާހަކަތައް ރައްކާތެރިކުރުމަކީވެސް އަމާނާތެކެވެ.
  • އަމާނާތްތެރިވުމަކީ މުއުމިނެއްގެ އީމާންކަން ފުރިހަމަވުމުގެ އަސާސެވެ.
  • ދަރިންނަށް ހެޔޮ ތަރުބިއްޔަތު ދިނުމަކީ އިސްލާމީ ވާޖިބެކެވެ.
  • ދައުލަތުގެ މުދަލަށް ރައްކާތެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް އޮތް ދީނީ ޒިންމާއެކެވެ.
comment ކޮމެންޓް