ވިލިމާލޭގައި ޗައިނާގެ އެހީގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށަން ސޮއިކޮށްފި

ޗައިނާގެ ހިލޭ އެހީގެ ދަށުން ޑިޒައިންކޮށް، ވިލިމާލޭގައި އިމާރާތްކުރާ ހޮސްޕިޓަލްގެ ކުރެހުމެއް -- ފޮޓޯ: ހައުސިން މިނިސްޓަރު

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަމަލީ މަސައްކަތް ފަށަން ސޮއިކުރިކަން ހާމަކުރައްވައިފައެވެ.

އަދި މިއީ މުހިންމު އަމާޒެއް ހާސިލްވި ކަމެއް ކަމަށާއިި ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޗައިނާގެ ހިލޭ އެހީގެ ދަށުން ޑިޒައިންކޮށް، އިމާރާތްކުރާ މި ހޮސްޕިޓަލްގެ ސާވޭ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، ހޮސްޕިޓަލް ސައިޓުގައި ސާވޭއެއް ކުރީ މި މަހުގެ ފަސްވަނަ ދުވަހެވެ.

މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ. ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

https://sun.mv/216354

ގާތްގަނޑަކަށް 12،900 އަކަމީޓަރުގެ ސަރަހައްދެއް ހޮސްޕިޓަލު ސަރަހައްދަށް ނަގާނެއެވެ. އޭގެތެރެއިން ހޮސްޕިޓަލް އަޅާނީ 6000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ހޮސްޕިޓަލްގައި 112 އެނދުގެ ކެޕޭސިޓީ ހުންނާނެއެވެ. އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޓެސްޓުކުރެވޭ ފެސިލިޓީތަކާއި، ފަރުވާދޭން ޚާއްސަ ތަންތަނާއި، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓު ޚިދުމަތް ދެވޭ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ޚާއްސަ އޮފީސް ސަރަހައްދެއް ވެސް ހުންނާނެއެވެ.

މި މަޝްރޫއުގެ ޑިޒައިންގައި އިސްކަންދޭނީ ރާއްޖޭގެ ގުދުރަތީ މާހައުލާއި، ޗައިނާއާއި ރާއްޖޭގެ ސަގާފީ ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށް އެމްބަސީން ބުންޏެވެ.

comment ކޮމެންޓް