ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ ސާވޭ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، އިއްޔެ ހޮސްޕިޓަލް ސައިޓުގައި ސާވޭއެއް ކޮށްފިއެވެ.
މި މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ޗައިނާ އެމްބަސީން ބުނީ ސާވޭ މަސައްކަތަށް ކަމާ ބެހޭ މާހިރުންގެ 11 މެންބަރުންގެ ޓީމެއް މިދިޔަ މަހުގެ 18އިން މި މަހުގެ 15ވަނަ ދުވަހާ ހަމައަށް މަސައްކަތްކުރާނެ ކަމަށެވެ.
އެ ޓީމުން އިއްޔެ ސައިޓް ސާވޭއެއް ކޮށްފައިވާކަމަށް އެމްބަސީން ބުންޏެވެ. މި ސާވޭކުރުމުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންޖިނޭރުންނާއި، ވިލިމާލޭ ހޮސްޕިޓަލްގެ އިސްވެރިޔާ ބައިވެރިވި ކަމަށް އެމްބަސީން ބުންޏެވެ. މީގެ އިތުރުން ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ގްރޫޕެއް ވެސް ބައިވެރިވެފައިވެއެވެ.

ވިލިމާލޭގައި ޗައިނާ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ ހޮސްޕިޓަލް އަޅަން ސާވޭ މަސައްކަތްކުރަނީ --
ގާތްގަނޑަކަށް 12،900 އަކަމީޓަރުގެ ސަރަހައްދެއް ހޮސްޕިޓަލު ސަރަހައްދަށް ނަގާނެއެވެ. އޭގެތެރެއިން ހޮސްޕިޓަލް އަޅާނީ 6000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ހޮސްޕިޓަލްގައި 112 އެނދުގެ ކެޕޭސިޓީ ހުންނާނެއެވެ. އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޓެސްޓުކުރެވޭ ފެސިލިޓީތަކާއި، ފަރުވާދޭން ޚާއްސަ ތަންތަނާއި، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓު ޚިދުމަތް ދެވޭ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ޚާއްސަ އޮފީސް ސަރަހައްދެއް ވެސް ހުންނާނެއެވެ.
މި މަޝްރޫއުގެ ޑިޒައިންގައި އިސްކަންދޭނީ ރާއްޖޭގެ ގުދުރަތީ މާހައުލާއި، ޗައިނާއާއި ރާއްޖޭގެ ސަގާފީ ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށް އެމްބަސީން ބުންޏެވެ.