އިގުތިސާދީ ކުރިއެރުން ހަލުވިކުރަން ޗައިނާއިން ބެންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށް 53.6 ބިލިއަން ޑޮލަރު ދެނީ

ޗައިނާގެ އައިބީސީ ބެންކްގެ ބްރާންޗެއް ކުރިމަތީ ބަޔަކު: އިގުތިސާދީ ކުރިއެރުން ހަލުވިކުރަން ޗައިނާއިން ބެންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށް 53.6 ބިލިއަން ޑޮލަރު ދޭން ވަނީ ނިންމައިފައި -- ފޮޓޯ/ ގެޓީ އިމޭޖްސް

ޗައިނާގެ އިގުތިސާދީ ދުވެލި މަޑުޖެހެމުންދާތީ، އިގުތިސާދު ކުރިއެރުވުމަށް ދައުލަތުގެ ބެންކުތަކާއި އިންޝުއަރެންސް ކުންފުނިތަކަށް އެތައް ބިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ފިނޭންސް މިނިސްޓްރީން އިސްވެ އޮވެ 360 ބިލިއަން ޔުއާން (53.6 ބިލިއަން ޑޮލަރު) ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.

އެ ފައިސާ ދެނީ ތިން ބެންކަކާއި ފަސް އިންޝުއަރެންސް ކުންފުންޏަކަށް ކަމަށްވާއިރު އޭގެ ތެރޭގައި އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބެންކް އޮފް ޗައިނާ، އެގްރިކަލްޗަރަލް ބެންކް އޮފް ޗައިނާ އަދި ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން ހިމެނެއެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފައިސާއާއެކު، އެ ބެންކްތަކާއި ކުންފުނިތަކުގެ ހިންގުމަށާއި، ހިރާސްތަކުން ރައްކާތެރިވުމުގެ ގާބިލުކަމަށް އެހީ ފޯރުކޮށްދެވޭނެއެވެ. އެއާއެކު، ގައުމުގެ އިގުތިސާދަށް ވެސް ފައިދާ ލިބޭނެ ކަމަށް ބުނެފައިވެއެވެ.

ޗައިނާގެ އެހެން މީޑިއާއެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން ވަނީ އެ ފައިސާ ލިބުމުން، ބެންކުތަކާއި ކުންފުނިތަކަށް ވިޔަފާރިތަކާއި އަމިއްލަ ފަރުދުންނަށް އިތުރަށް ފައިސާ ފޯރުކޮށްދެވޭނެކަން ފާހަގަކޮށްފައެވެ.

ޗައިނާއިން އަންނަނީ އެ ގައުމަށް ދިމާވެފައިވާ އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަންނަން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އާބާދީގައި އުމުރުން ދުވަސްވީ މީހުން އިތުރުވެ، މަސައްކަތް ކުރާ އުމުރުފުރާގެ މީހުން މަރުވުން ހިމެނެއެވެ. އަދި އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފަށައިފައިވާ 'ވިޔަފާރީގެ ހަނގުރާމަ'އިގެ އަސަރު ވެސް އެ ގައުމުގެ އިގުތިސާދަށް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އީރާން ހަނގުރާމަ ފެށުނު ފަހުން، މިދިޔަ އޭޕްރިލް މަހާއި ޖޫން މަހާ ދޭތެރޭ ޗައިނާގެ އިގުތީސާދީ ދުވެލި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް