ނުކުޅެދުންތެރިކަން ހުރި ގިނަ ބައެއްގެ ކަންބޮޑުވުންތަކަކަށް އަދިވެސް ހައްލު ނުލިބޭކަމަށް ބުނެ އެ ޝަކުވާތައް ރައްޔިތުންގެ މަޖިލީހަށް ވާސޯ ޑިސްއެބިލިޓީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހުށަހަޅައިފިއެވެ.
ޕެޓިޝަނެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅި މި ކަންބޮޑުވުންތައް ސްޕޮންސާކޮށްދެއްވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)އެވެ.
ޖުމްލަ ނުވަ ކަންބޮޑުވުމެއް އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ:
- މާލޭ، ހުޅުމާލޭ އަދި ވިލިމާލޭގައި ދިރިއުޅޭ، އެކަނި ހާލަތަށް ހިނގާ ނޫޅެވޭ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ މޫދުގެ ކަސްރަތުތައް ކުރުމަށް މޫދަށް އެރި އުޅެވޭ ގޮތަށް ހުރި ބީޗް އެކްސެސިބަލް ސްލިޕްވޭތައް ނެތުން
- މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހަދާފައި ހުންނަ ޑިސްއެބިލިޓީ ވީލްޗެއާ އެކްސެސިބަލް ފާހާނާތައް ވެސް އެ ފަރާތްތަކަށް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުން
- ހ. ބަނޑޮސްގެ ދޮރުމަތީގައި ހަދާފައިވާ ވީލްޗެއާ އެކްސެސިބަލް ސިމެންތި ގައު ހަދާފައިވާ ގޮތުން ވީލްޗެއާ ޕޭޝަންޓުންނަށް ނުވަދެވުން
- މާލޭގެ މަގުތަކުގެ ޕޭވްމަންޓްގެ ދެކޮޅުގައި ވީލްޗެއާއަށް އެރޭގޮތަށް ހަދާފައި ހުރިކަމުގައި ވިޔަސް، ގިނަފަހަރު އަދި އެއްގޮތަކަށް ވެސް ވީލްޗެއާ ޕޭމަންޓް މަތީ ރައްކާތެރިކަމާއި އެކު ދުވޭހެން ނެތުން
- މީގެ ކުރިން މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ވެސް އެތައް މަހެއްވީއިރު ވެސް ޖަވާބެއް ލިބިފައި ނެތުން
- ކަމާގުޅުން ހުރި ގިނަ އިދާރާތަކެއްގެ ވެރިންނާއި، މިނިސްޓަރުންނާ ވެސް ބައްދަލު ކުރުމަށް ގަވާއިދާ އެއްގޮތަށް އެދިފައިވިޔަސް، މިހާތަނަށް ގިނަ ފަރާތްތަކުން ފުރުސަތު ނުދެއްވައި ޖަވާބެއްވެސް ނުލިބުން.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މި ޕެޓިޝަން ހުށަހަޅަން ޖެހުނީ، ނުކުޅެދުންތެރިކަން ހުންނަ ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވާ ގިނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ނުލިބި ވާތީއެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަންކަމަށް ވެސް އެއްވެސް އަމަލީ ސިފައެއް ނުގެނެވި، އެފަރާތްތަކައް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގުތައް ގެއްލެމުން ދާތީއެވެ.