ޑެންގީ ހުމާއި ރޯގާ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

މި ދުވަސްވަރު މާލޭގައި ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާ ވެސް އިތުރުވާތީ، އެ ކަމަށް ސަމާލުވާން އައިޖީއެމްއެޗުން މިއަދު އިލްތިމާސްކޮށްފިއެވެ.

ހުމާއި އަރިދަފުސް ރޯގާ އިތުރުވާތީ އެ ހޮސްޕިޓަލުގައި އިއްޔެ ވަނީ ފްލޫ ކްލިނިކެއް ވެސް ގާއިމުކޮށްފައެވެ.

އެ ހޮސްޕިޓަލުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ހޮސްޕިޓަލަށް ދައްކަން އަންނަ ބަލިމީހުންގެ ކިބައިން ޑެންގީ ހުމާއި، ބޭރަށް ހިންގުން އަދި އަރިދަފުސް ރޯގާ ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ، އެ ކަމަށް ސަމާލުވާން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ގޮތުން، ރޯގާގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކް އަޅަން އެ ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. އަދި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން މި ބަލިތަކަށް އިތުރަށް ސަމާލުވާން ވަނީ އެދިފައެވެ.

މީގެ އިތުރުން، ސާފުތާހިރުކަމަށް އިސްކަންދީ، ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރަން ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި، މަދިރި އުފެދޭހެން ހުންނަ ތަންތަން ނައްތާލުމަށާއި ކޮންމެހެން ބޭނުން އަންނަންޖެހިގެން ނޫން ގޮތަކަށް ހޮސްޕިޓަލަށް ޒިޔާރަތްނުކުރާން ވަނީ ލަފާ ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އައިޖީއެމްއެޗްގައި އިއްޔެ ގާއިމުކުރި ފްލޫ ކްލިނިކުން މިހާރު ޑޮކްޓަރަށް ދެއްކުމާއި ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. އެ ޚިދުމަތްތައް ލިބެނީ ކޮންމެ ދުވަހަކު ހެނދުނު، 10:00 އިން 22:00 އަށެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި ފްލޫ ކްލިނިކުގެ ޚިދުމަތްތައް ލިބޭނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ދިހައަކުންނެވެ. އެ ކުލިނިކުން ޚިދުމަތް ހޯދުމަށް ފުރަތަމަ ޖެހެނީ އައިޖީއެމްއެޗުގެ އީއާރު ޓްރައިޖަށް ދާށެވެ. މި ގޮތުން، ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

އެ ތަންތަނަށް ދާނެ ގޮތް މެޕެއްގައި ކުރަހައިގެން އައިޖީއެމްއެޗުން ވަނީ ކިޔައިދީފައެވެ.

https://sun.mv/216823

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޑިސެންބަރު މަހު ރާއްޖޭން ޑެންގީ ޖެހިގެން 413 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ބުނެފައެވެ. މިދިޔަ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ އެ ބަލީގެ އެންމެ 70 ކޭހެވެ. އެހެންކަމުން މިއީ 490 ޕަސެންޓް އިތުރުވުމެކެވެ.

އެހެން އާއްމު ބަލިތަކަށް ބަލާއިރު އަރިދަފުސް ރޯގާގެ ކޭސްތައް ޑިސެންބަރު މަހު ވަނީ މަދުވެފައެވެ. މިދިޔަ ނޮވެންބަރު މަހު އަރިދަފުސް ރޯގާގެ 32859 ކޭސް ރިޕޯޓް ކޮށްފައިވާއިރު ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 28619 ކޭސްއެވެ. އެއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު ވެސް މަދު އަދަދެކެވެ. އެ އަހަރުގެ ޑިސެންބަރު މަހު 30590 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

ބަލިތައް ފެތުރޭ ދުވަސްވަރަށް، އެ ކަންކަމުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަބަދު ވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް