ހުމާއި އަރިދަފުސް ރޯގާއަށް ޚާއްސަ ފްލޫ ކުލިނިކެއް ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މިއަދު ގާއިމުކޮށްފިއެވެ.
މި ދުވަސްވަރު އެކި ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުން އަންނަނިކޮށް އައިޖީއެމްއެޗުން ބުނީ، ފްލޫ ކުލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެ ޚިދުމަތްތައް ލިބެނީ ކޮންމެ ދުވަހަކު ހެނދުނު، 10:00 އިން 22:00 އަށެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި ފްލޫ ކްލިނިކުގެ ޚިދުމަތްތައް ލިބޭނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ދިހައަކުންނެވެ.
އެ ކުލިނިކުން ޚިދުމަތް ހޯދުމަށް ފުރަތަމަ ޖެހެނީ އައިޖީއެމްއެޗުގެ އީއާރު ޓްރައިޖަށް ދާށެވެ. މި ގޮތުން، ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިޔުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

އައިޖީއެމްއެޗު ފްލޫ ކްލިނިކާއި އީއާރު ޓްރައިޖަށް ދާނެ ގޮތް ކިޔައިދީފައި ---- ފޮޓޯ/ އައިޖީއެމްއެޗު
އެ ތަންތަނަށް ދާނެ ގޮތް މެޕެއްގައި ކުރަހައިގެން އައިޖީއެމްއެޗުން ވަނީ ކިޔައިދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ ޑިސެންބަރު މަހު ރާއްޖޭން ޑެންގީ ޖެހިގެން 413 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ ބުނެފައެވެ. މިދިޔަ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ އެ ބަލީގެ އެންމެ 70 ކޭހެވެ. އެހެންކަމުން މިއީ 490 ޕަސެންޓް އިތުރުވުމެކެވެ.
އެހެން އާއްމު ބަލިތަކަށް ބަލާއިރު އަރިދަފުސް ރޯގާގެ ކޭސްތައް ޑިސެންބަރު މަހު ވަނީ މަދުވެފައެވެ. މިދިޔަ ނޮވެންބަރު މަހު އަރިދަފުސް ރޯގާގެ 32859 ކޭސް ރިޕޯޓް ކޮށްފައިވާއިރު ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 28619 ކޭސްއެވެ. އެއީ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު ވެސް މަދު އަދަދެކެވެ. އެ އަހަރުގެ ޑިސެންބަރު މަހު 30590 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
ބަލިތައް ފެތުރޭ ދުވަސްވަރަށް، އެ ކަންކަމުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އަބަދު ވެސް އިލްތިމާސްކުރެއެވެ.