މާލޭގައި ހުރި މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެ ކަންކަން އެނގިހުރެ ޚިދުމަތުން ނުފިލައި، މޭޔަރުކަމަށް ވާދަކުރައްވަނީ އެ ކަންކަން ހައްލުކޮށް މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަކުރައްވަން ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު މިރޭ ވިދާޅުވެއްޖެއެވެ.
އޭނާގެ ކެމްޕޭން އޮފީސް ހުޅުވައި ރަސްމީކޮށް މަސައްކަތް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ޖަލީލު ވިދާޅުވީ އޭނާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ، މާލޭގެ މޭޔަރުކަމުގެ މަގާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތް އިންފާރެއްގެ ގޮތުގައި ބައްލަވައިގެން ކަަމަށެވެ.
މާލޭގެ ރައްޔިތުން، މާލޭއަށް ގެންނަން އެދޭ ބަދަލުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ. އެގޮތުން މާލޭގެ އަވަށްތަކުގައި ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުންތަކުން މާލޭގެ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެއާއެކު ވެސް ރައްޔިތުންގެ ޚިދުމަތުގައި އެތައް ގުރުބާނީއެއްވީ މީހެއްގެ ހައިސިއްޔަތުން ވީ "ފިލަންތޯ" އެއީ އުފެދުނު ސުވާލެއް ކަމަށް ވިދާޅުވިއެވެ.
"މި ދެންނެވި ބައްދަލުވުންތަކުގެ އަޑުއަހަން އަޅުގަނޑު އިން އިރު، ހިތަށް ވެރިވި ޝުއޫރުތައް ވަރަށް ގިނަ. ގައުމީ ޚިދުމަތުގައި ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރި، ވަރަށް ހިތްވަރާއެކު އެތައް ގުރުބާނީއެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާހިތާ ކުރެވުނު އެއް ސުވާލަކީ ރައްޔިތުންނަށް ޚިދުމަތް ކުރަމުންދާ ރިޓާޔާވެފައިހުރި މީހަކު މިހާރުވީ ގެޔަށްވަދެ ފިލަންހޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިއަދުވެސް ހިތްވަރާއި ފަންވަރާއި، ޚިދުމަތުގެ ތަޖުރިބާ އެބަހުރި ކަމަށާއި، ޚިދުމަތްކުރަން ބޭނުންފުޅުވާ ކަމަށް ޖަލީލު ވިދާޅުވިއެވެ. އެ ފުރުސަތު މި ފަހިވީ ރައީސް މުއިއްޒާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ ގައުމީ ޚިދުމަތުގެ މުޅި ހަޔާތުގައި ވެސް ކަންކަމާ ކުރިމަތިލީ، ފަސް ބެލުމެއް ނެތި ހިތްވަރާއި، ތެދުވެރިކަމާ އެކު ކަމަށެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ހުންނާނީ 24 ގަޑިއިރު ތައްޔާރަށް. ގައުމީ ޚިދުމަތް ރޭދުވާ ހޭދަކޮށްލައިގެން އަޅުގަނޑު ދޭނީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމާއި މާލޭ ސިޓީއަށް މާ ޗާލު ހާއުފާވެރި މާ ހިތްގައިމު އާ ޒަމާނެއް ހޯދައިދިނުމަށް ޓަކައި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާ ވާނީ ވަކި ކުލައަކަށް ތަފާތުކުރުމެއްނެތި މަސައްކަތް ކުރާނެ "ޚާދިމަކަށް" ކަމަށެވެ. އަދި "މާލޭ ސިޓީގެ ރައްޔިތުންގެ ހިތްތައް ފަތަހަކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުން، ރައްޔިތުން އެންމެ ބޭނުންވާ ޚިދުމަތްތައް ސަރުކާރާ ގުޅިގެން ފުއްދައިދީގެން" ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ.
ޕީއެންސީގެ ޓިކެޓުގައި ޖަލީލު ވާދަކުރައްވާކަން ހާމަކުރެއްވީ މީގެ އެއް މަސް ކުރިން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ކައުންސިލު އިންތިޚާބުގެ އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާޙެވެ. ފަލާޙް އެ ދުވަހު ހާމަކުރެއްވި ގޮތުގައި، ޕީއެންސީގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޖަލީލު އެކަންޏެވެ. އެހެންވެ، އޭނާއަށް ވަނީ އޮޓޯއިން ޓިކެޓު ކަށަވަރުވެފައެވެ.