ރައީސްގެ ކެމްޕެއިން ސެންޓަރު، ޖަލީލުގެ ކެމްޕެއިން އޮފީހަށް ބަދަލުކޮށް ހުޅުވައިފި

މޫސާ އަލީ ޖަލީލުގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގެ ތެރެއިން --

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ކެމްޕެއިން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަން، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލުގެ ކެމްޕެއިން އޮފީހަށް ބަދަލުކޮށް، ހުޅުވައިފިއެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީގައި ހުންނަ އޮފީސް ހުޅުވައިދެއްވީ މިރޭ ބޭއްވި ހަފުލާގައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާލެއަށް އެމްޑީޕީގެ މޭޔަރުންތަކެއް މީގެ ކުރިން އައި ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ފަރާތުން ލިބުނު އުންމީދީ ކުރިއެރުމެއް ނެތް ކަމަށެވެ.

އެހެންވެ މާލޭ ރައްޔިތުން ބޮޑު އަޣްލަބިއްޔަތަކުން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރުކަމަށް ހޮވީ ކަމަށާއި، އެ މަނިކުފާނުގެ މޭޔަރުކަމުގައި މާލެއަށް އައީ ބޮޑު ބަދަލުތަކެއް ކަމަށެވެ.

މޫސާ އަލީ ޖަލީލުގެ ކެމްޕޭން ފެށުމުގެ ހަފްލާގައި ފަލާހު ވާހަކަދައްކަވަނީ --

ހަމައެއާއެކު ޖަލީލު ހޮވައިދޭން ޖެހެނީ، އެ ބޭފުޅާއަކީ ޒުވާން އުމުރުން ފެށިގެން ގައުމަށް ޚިދުމަތް ކުރުމުގައި ދެމި ހުންނެވި ބޭފުޅަކަށް ވުމުން ކަމަށާއި، ގައުމީ ޚިދުމަތުގައި ވެސް ރައްޔިތުން އުންމީދުކުރި ވަރަށްވުރެ ފުރިހަމައަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ.

ޕީއެންސީގެ ޓިކެޓުގައި ޖަލީލު ވާދަކުރައްވާކަން ހާމަކުރެއްވީ މީގެ އެއް މަސް ކުރިން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ކައުންސިލު އިންތިޚާބުގެ އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާޙެވެ. ފަލާޙް އެ ދުވަހު ހާމަކުރެއްވި ގޮތުގައި، ޕީއެންސީގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޖަލީލު އެކަންޏެވެ. އެހެންވެ، އޭނާއަށް ވަނީ އޮޓޯއިން ޓިކެޓު ކަށަވަރުވެފައެވެ.

ޖަލީލު ވަނީ ނޮވެންބަރު 3ގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ނުކުންނަވައިފައެވެ. އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.

ރާއްޖެއާއި، ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކަށާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ޖަލީލަށް އަރުވާފައިވަނީ ނޮވެންބަރު 3، 2024ގައެވެ.

comment ކޮމެންޓް