ކައުންސިލު އިންތިޚާބުގައި ޑިމޮކްރެޓްސްއިން ވާދަކުރަން ނިންމައިފި

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބެއްގެ ތެރެއިން: ޕާޓީގެ ތެރެއިން އިންތިޚާބުގައި ވާދަކުރަން ހުޅުވާލީ މިއަދު -- ފޮޓޯ/ ދަ ޑިމޮކްރެޓްސް

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލުތަކުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަދު ނެރުނު ބަޔާނެއްގައި ޑިމޮކްރެޓްސްއިން ބުނީ، އެ ޕާޓީގެ ވަގުތީ ކޮމިޓީން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް، ކައުންސިލު އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތާއި، ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ހޯދައި، އިންތިޚާބަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ޑިމޮކްރެޓްސް އިން ވަނީ، އެ ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުން ހަދަންޖެހޭ ގޮތް ތަފުސީލުކޮށް ހާމަކޮށްފައެވެ.

ޑިމޮކްރެޓްސްއިން ވަނީ، އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިކަން ހުރި މެންބަރުންނަށް އީފޯމެއް ފޮނުވާނެކަން ހާމަކޮށްފައެވެ. އެ ޕާޓީން ބުނީ މިމަހުގެ ނިޔަލަށް މެންބަރުން ފޯމު ހުށަހަޅަންޖެހޭ ކަމަށެވެ. އަދި އެއް ގޮނޑިއަށް ގިނަ ކެންޑިޑޭޓުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއެއް އޮންނާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ކައުންސިލު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އިއްޔެއެވެ. އެ މުއްދަތު ހަމަވާނީ ދެ ހަފުތާ ފަހުން އަންނަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:30 އަށެވެ.

ފާހަގަކުރެވޭ ގޮތުގައި، 2023ވަނަ އަހަރުގެ ޖުލައި މަހު މިދިޔަ ސަރުކާރު ނިމެންދިޔައިރު އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވިއެވެ. ޚާއްސަކޮށް، ނަޝީދާއި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ. ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.

އޭރު އެމްޑީޕީގެ ސަރުކާރާ ޚިޔާލު ތަފާތުވެ، އެ ޕާޓީ ދޫކޮށް ދިޔަ މެންބަރުން ޑިމޮކްރެޓްސް އުފެއްދެވީ ޖުލައި 2023ގައެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސްގެ ރައީސަކަށް ހުންނެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފެވެ، އަދި ނައިބު ރައީސްކަން ކުރެއްވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒެވެ.

އެ ދެ ބޭފުޅުން ހިމެނޭހެން، ޑިމޮކްރެޓްސް އުފެއްދިތާ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން އެމްޑީޕީއަށް ފުރަތަމަ އެނބުރި ވަޑައިގަތީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރު މުޙައްމަދު ރަޝާދުާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އޭގެ ފަހުން މީގެ ހަތް މަސްކުރިން، ޖޫން 17ގައި ބާކީ ތިބި މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ވަނީ ނިންމައިފައެވެ.

https://sun.mv/207413

ފާހަގަކުރެވޭ ގޮތުގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ، މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ކައުންސިލު އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވައިފައެވެ.

comment ކޮމެންޓް