ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި، 56 އެމްބިއުލާންސް އަތޮޅުތެރޭގެ އެކި ރަށްތަކާ އިއްޔެ ހަވާލުކޮށްފިއެވެ.
އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްބިއުލާންސްތައް ރާއްޖެ ގެނައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކޮށްގެނެވެ.
ތިން ބުރަކަށް ބަހާލައިގެން އެމްބިއުލާންސްތައް ގެނައީ، މި މަހުގެ ތެރޭގައި ކަމަށްވާއިރު މި އަހަރު އިތުރު 31 ރަށަށް އައު އެމްބިއުލާންސްތައް ގެނެސް، ޚިދުމަތް ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށްތަކާ އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ހެލްތު މިނިސްޓްރީ
އޭގެއިތުރަށް، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި، މި އަހަރު އެ ޚިދުމަތް ވެސް ފެށޭނެކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ސިއްޙީ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، އާބާދީ ބެހިފައިވާ ގޮތުން ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އެއް ގޮންޖެހުމަކަށް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ނުދެވުން ކަމަށެވެ. ބައެއް ރަށްތަކަށް އެމްބިއުލާންސް ލިބުނު ނަމަވެސް، މެއިންޓަނަސް ނުކުރެވެވުމުގެ ސަބަބުން ހަލާކުވެފައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ ކަމަށް ހައްލު ހޯދުމުގެ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ސިޔާސަތުތަކެއް ކަނޑައަޅައި އެމްބިއުލާންސް ބޭނުންވާ ތަންތަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވި ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެގޮތުން، އެ މިނިސްޓްރީން އެމްޕީއެލްއާއި އެ މަސައްކަތް ހަވާލުކޮށް މި މަސައްކަތުގެ ފުރަތަމަ 56 އެމްބިއުލާންސް ރަށްތަކާ ހަވާލު ކުރެވުމަކީ ރައީސް އެކަމަށް ދެއްވާ އަހަންމިޔަތުކަން ހާމަވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްބިއުލާންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް --- ފޮޓޯ/ ހެލްތު މިނިސްޓްރީ
"އެމްޕީއެލްއެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު އެމްބިއުލަންސް ވެސް އެބަ އާދޭ. ބޮޑެތި ސިޓީތަކަށް ބޭނުންވާ ރައީސް އެދިލައްވާގޮތައް ބޮޑެތި ޕެރެމެޑިކް ބޮޑެތި ސައިޒުގެ ބޮޑެތި ނުރައްކާތެރި ހާލައްތަކުގައި ވެސް ހިދުމަތް ދެވޭ ފެންފަރުގެ އެމްބިއުލާންސް އެބައާދޭ. މުޅި މިނިޒާމުގެ ފުރިހަމަވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
އެއާއެކު، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެމްޕީއެލްއާއި އެކުވެފައިވާ އެއްބަސްވުމުގެ ދަށުން އެ އެމްބިއުލާންސްތައް މެއިންޓެނެންސްކުރުމުގެ ހުރިހާ މަސަައްކަތް އެ ކުންފުނިން ކުރަން ވަނީ ހަމަޖެހިފައެވެ.