އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމުން ޑރ. އިބްރާހީމް ޔާސިރު އަޙްމަދު ވަކިކޮށް، އެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙްމަދު ޢަދީލް ނަސީރު ހަމަޖައްސައިފިއެވެ.
ޔާސިރު ވަކިކޮށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަމަށް ޢަދީލް އައްޔަންކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޔާސިރު ވަކިކޮށް، ޢަދީލް އައްޔަންކުރި ތާރީޚުގެ ތަފުސީލެއް ނުލިބެއެވެ.
އެތެރެހަށީގެ ޚާއްސަ ޑޮކްޓަރުކަން ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗާއި މެޑިކާ ހޮސްޕިޓަލުގައި ކުރެއްވި ޔާސިރަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަން ދިނީ މާރިޗު 17، 2024ގައެވެ.
ސްކޫލް މެނޭޖްމަންޓްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޢަދީލް ވަނީ މީގެ ކުރިން ޕްރިންސިޕަލްކަން ކުރައްވައިފައެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވައިފައެވެ.
ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމަށްފަހު ޢަދީލް ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވައިފައެވެ.
އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މިހާރުގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމްގެ ރަނިންމޭޓަކަށް 2023ވަނަ އަހަރު އުޅުއްވިއެވެ.
އެންމެ ފަހުން ޢަދީލް ނަން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރުކަމުގެ ޓިކެޓަށް ވާދަކުރެއްވުމަށެވެ. ނަމަވެސް މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު އޮތް ޕްރައިމަރީއަށް ކުޑަތަންވެފައި ވަނިކޮށް، އޭނާ ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.