ބެއިޖިންގް (18 ޖަނަވަރީ 2026): ރޫޅެމުންދާ ބައިނަލްއަގުވާމީ ނިޒާމު ދަމަހައްޓަން ޗައިނާއާ ޕާޓްނާޝިޕް ހަދައިގެން މަސައްކަތްކުރާނެ ކަމަށާއި ޗައިނާއަކީ އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި ބަލާނެ ކަމަށް ކެނެޑާއިން ބުނެފިއެވެ.
ނޭޓޯގެ މެންބަރަކަށް ވުމުގެ އިތުރުން އެމެރިކާގެ ބައިވެރިއެއް ކަމަށްވާ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މިހެން ވިދާޅުވީ، އޭނާ ޗައިނާއަށް ކުރައްވަމުން ގެންދަވާ ތާރީޚީ ދަތުރުފުޅުގައެވެ.
މިހާތަނަށް ޗައިނާއާ މެދު ދުރުކަމެއް އަދި އިންސާނީ ހަައްގުތަކުގެ ނަމުގައި ޗައިނާއަށް ފާޑުކިޔަމުންދިޔަ ކެނެޑާގެ މަސްއޫލުވެރިން އިއްޔެވަނީ އިގުތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާއާ އެކު ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއަކީ ފާއިތުވި އަށް އަހަރު ތެރޭގައި ޗައިނާއަށް ޒިޔާރަތްކުރެއްވި ކެނެޑާގެ ބޮޑުވަޒީރެވެ. ކާނީގެ މި ދަތުރުފުޅު ތާރީޚީ ދަތުރުފުޅަކަށް ވެގެންދިޔަ އެއް ކަމަކީ ޗައިނާއާ މުއާމަލާތްކުރާއިރު އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ކެނެޑާގެ ބޮޑުވަޒީރުން މީގެކުރިން ދަމާ ހާސަރުތައް މި ދަތުރުފުޅުގައި ނެތުމެވެ.
ބައިނަލްއަގުވާމީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވެ، ރޫލް ބޭސްޑް ބައިނަލްއަގުވާމި ނިޒާމު ދެމެހެއްޓުމަށްޓަކައި ޗައިނާގެ އެހީތެރިކަން ބޭނުންވާކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވުމެވެ.
ކާނީ ވަނީ މިދިޔަ ހުކުރު ދުވަހު ޗައިނާގެ ރައީސް ޝީޖިންޕިންއާ ބެއިޖިންގްގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ދެއްވި ބަޔާނެއްގައި ކާނީ ވަނީ ޗައިނާއާ އެކު ގުޅުންތައް ބަދަހިކުރަން ކެނެޑާ ވަރަށް ޝައުގުވެރިވާކަމަށް ވިދާޅުވެ، ކެނެޑާގެ ބޮޑުވަޒީރަކު ދުވަހަކު ވެސް ނުދައްކަވާ ފަދަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
ޗައިނާ ފަދަ ޔޫރަޕްގެ ޑިމޮކްރަސީއާއި ޔޫރަޕްގެ ލެބަރަލް އައިޑިއޮލޮޖީއާ ދެކޮޅު ގައުމަކަށް ތައުރީފު ނުކުރާވަރަށް ކެނެޑާގެ ބޮޑުވަޒީރުވަނީ ޗައިނާގެ ބައިނަލްއަގުވާމީ ދައުރަށް ތައުރީފުކުރައްވާފައެވެ.
ކެނެޑާއާއި ޔޫރަޕްގެ ގައުމުތަކަކީ މިހާތަނަށް ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީއާއި އެސްޓައިލްގެ އިންސާނީ ހައްގުތަކާއި ހުޅަނގުގެ ލެބަރަލިޒަމްގެ ފިކުރާއި އައިޑިއޮލޮޖީ ޕްރޮމޯޓް ކުރުމުގައި ހައްދު ފަހަނަޅާފައިވާ ގައުމުތަކެކެވެ. ގައުމުތަކާ މުއާމަލާތް ކުރާއިރު ވެސް ކެނެޑާއާއި ޔޫރަޕްގެ ގައުމުތަކުން މީގެ ކުރިން އެންމެ ބޮޑަށް އިސްކަންދެނީ މިދެންނެވި ހުޅަނގުގެ ފިކުރުތައް ޕްރޮމޯޓް ކުރުމަށެވެ.
ނަމަވެސް، އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ހުޅަނގުން ލޯމަރާލައި އިސްރާއީލަށް ވާގިވެރިވުމުގެ ސަބަބުން ހުޅަނގުގެ މި ދެންނެވި ވެލިއުސްތަކުގެ ހަގީގަތާ އޭގެ ހަރުދަނާކަމާއި އިންސާފާމެދު ވަނީ ސުވާލުއުފެދިފައެވެ.
އަނެއްކޮޅުން އެމެރިކާގެ ބައިވެރިންކަމަށްވާ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ޓެރިފްގެ ފިޔަވަޅުތަކާއި ޔުކްރެއިން މައްސަލާގައާއި އަދި ގްރީންލޭންޑަށް ވެރިވެގަތުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގެ ސަބަބުން ޓްރާންސް އެޓްލާންޓިކް ގުޅުންތައްވަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު، ދުވަހަކު ވެސް ހީނަރު ނުވާވަރަށް ހީނަރުވެފައެވެ. މިއާއެކު ޗައިނާއާ ގާތްވުމުގެ ރޫހެއް ޔޫރަޕްގައި ވެސް ވަނީ އުފެދިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ކެނެޑާ ދަނީ އެމެރިކާއާ ދުރަށް އަދި ޗައިނާއާ ގާތަށް ކަމަށް ވިދާޅުވެ، ކެނެޑާގެ ބޮޑުވަޒީރަކު ދުވަހަކު ވެސް ދައްކަވާފައިނުވާ ވާހަކަތަކެއް ދައްކަވާފައެވެ.
ކެނެޑާއާއި އެމެރިކާގެ ގުޅުންތައް ގޯސްވެފައިވަނީ ކެނެޑާއަކީ އެމެރިކާގެ ސްޓޭޓެއްކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ ކޭންޕެއިންގެ ދުވަސްވަރުގައި ކެނެޑާއާ ދެކޮޅަށް ދެއްކެވި ވާހަކަތަކުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.