ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
މަކަރާއި ހީލަތުން ސްކޭމަރުން ފައިސާ ހޯދަނީ، އެކި އުކުޅުތައް ބޭނުންކޮށްގެނެވެ. އަންނަ ބަދަލުތަކާ ގުޅިގެން އެ އުކުޅުތައް ވެސް ކުރިއަރައެވެ.
އެގޮތުން، މި ފަހަރު ސްކޭމް ކުރަން ފެށީ ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައެވެ.
ފުލުހުން އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ވަނީ، ދީނުގެ މަގު ކިޔާ ފޭސްބުކް ޕޭޖެއްގައިވާ ޕޯސްޓެއް ހިއްސާކޮށްފައެވެ.
އެ ޕޭޖުން ކުރި ޕޯސްޓެއްގައި ވަނީ، އައިޝަތު މާޖިދާ ކިޔާ ޒުވާން ކުއްޖަކަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ، އެހީއަށް އެދިފައެވެ. އެ ކުއްޖާގެ ފަރުވާއަށް ހަ މަހާއި އަށް މަހާ ދެމެދަށް އިންޑިއާގައި ހޭދަކުރަން ޖެހޭނެކަމަށް ބުނެ، އެ ޕޯސްޓުގައި ވަނީ ފައިސާ ފޮނުވާނެ އެކައުންޓު ނަންބަރު ވެސް ހިއްސާކޮށްފައެވެ.
މާޖިދާ ކަމަށް ބުނެ، އާންމުކޮށްފައިވާ މީހާގެ ފޮޓޯއަކީ މުޝްފިކާ ސުލްތާނާ ކިޔާ ބޭރު މީހެއްކަން ފުލުހުން އާންމުކުރި ފޮޓޯތަކުން އެނގެއެވެ. މި ކަމާ ގުޅިގެން ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ، އޮޅުވާލައިގެން މީހުންނަށް ގުޅުމާއި ސައްހަ ނޫން ގޮތުގައި އެހީއަށް އެދޭ މީހުންނަށް ނުވަތަ ސްކޭމަރުންނަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.
އެ ފަދަ ސްކޭމުތަކަށް ސަމާލުވުމަށް ކުރެވޭނެ ކަންކަން ވެސް އެ ސެންޓަރުން ވަނީ ކިޔައިދީފައެވެ. މި ގޮތުން، ފޮޓޯއަކަށް ބަލާފައި އެހީވުމުގެ ކުރިން، ގޫގުލް އިމޭޖަސް ފަދަ ވަސީލަތެއް ބޭނުންކޮށްގެން "ރިވާސް އިމޭޖް ސާޗް" ކުރުމަށް ވަނީ އެދިފައެވެ.
މިގޮތުން، ފޮޓޯ އަޕްލޯޑް ކޮށްލުމުން، އެ ފޮޓޯ އިންޓަނެޓްގެ އެހެން ތަނެއްގައި، ތަފާތު ނަންތަކެއްގައި ނުވަތަ ތަފާތު ވާހަކަތަކާއެކު ބޭނުންކޮށްފައިވޭތޯ ބެލުމަށާއި އެއް ފޮޓޯއެއް ތަފާތު އެކި ކަންކަމުގައި އެހީ ހޯދަން ބޭނުންކޮށްފައިވާނަމަ، އެއީ ސްކޭމެއް ކަމުގެ ބޮޑު ނިޝާނެއްކަން ފުލުހުން ފާހަގަކުރިއެވެ.
އޭގެ އިތުރަށް، އަމިއްލަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް އެދިފައި ހުންނަ ހާލަތްތަކުގައި އިތުރަށް ސަމާލުވުމާއި ގުޅާ މީހަކަށް މައުލޫމާތު ނުދީގެން ބިރުދައްކާނަމަ، ފޯނު ކަނޑާލުމަށާއި އޯޓިޕީ ހިއްސާނުކުރަން ފުލުހުން އިލްތިމާސްކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.
ރާއްޖޭގައި ގިނަ ބަޔަކު ސޯޝަލް މީޑިއާ ބޭނުންކުރާއިރު، އެފަދަ އެޕްތައް މެދުވެރިކޮށް އޮޅުވާލައި، ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ވަރަށް ގިނަވެފައެވެ.
މީގެ ކުރިން ފުލުހުން ވަނީ، ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ މާރިޗު 17 އާ ހަމައަށް، 6،000 މީހުންގެ އަތުން 110 މިލިއަން ރުފިޔާ ގެއްލުނުއިރު، އެންމެ ސްކޭމަރެއް ވެސް ނުހޯދޭ ކަމަށް ބުނެފައެވެ.