ނޭޓޯގެ ގައުމުތަކުގައި އެމެރިކާއަށް ވުރެ ޗައިނާއަށް ތާއީދު ބޮޑުވާން ފަށައިފި

ވޮޝިންޓަން (17 ޖަނަވަރީ 2026): ނޭޓޯގެ ގިނަ ގައުމުތަކުގައި އެމެރިކާގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިގެން ހިނގައްޖެ ކަމަށާއި ނޭޓޯގައި ހިމެނޭ 32 ގައުމުގެ ތެރެއިން އަށް ގައުމަކުން ގުޅުން ބަދަހިކުރަން ބޭނުންވަނީ އެމެރިކާގެ ބަދަލުގައި ޗައިނާއާކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.

ރީސާޗް މުއައްސަސާއެއް ކަމަށް ގަލުޕް ފައުންޑޭޝަންއިން ނޭޓޯގެ ގައުމުތަކުގެ އާންމުންގެ ޚިޔާލުހުރި ގޮތެއް ބެލުމަށް ކުރި ސާވޭއަކާ ހަވާލާދީ "ނިއުސްވީކް" ބުނާގޮތުން ނޭޓޯގައި ހިމެނޭ 32 ގައުމުގެ ތެރެއިން އަށް ގައުމެއް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވަނީ އެމެރިކާގެ ބަދަލުގައި ޗައިނާއާ ގުޅުންތައް ބަދަހިކޮށް ޗައިނާއާ ގާތްވުމަށެވެ.

ނޭޓޯގައި ހިމެނޭ އަނެއް 24 ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް އެމެރިކާއަށް އޮތް ތާއީދާއި އިތުބާރުވަނީ ވަރަށްބޮޑަށް ކުޑަވެފައެވެ. އެމެރިކާއަށް އޮތް ތާއީދު އެކި ގައުމުތަކުގައި އެކިވަރަށް ދަށްވެފައިވާއިރު ކުރިން އެމެރިކާއަށް 30 އިންސައްތަ ތާއީދު ކުރި ބައެއް ގައުމުތަކުގައި އެތާއީދު މިހާރު ވަނީ އަށް އިންސައްތައަށް ދަށަށް ގޮސްފައެވެ. އަނެއް ބައި ގައުމުތަކުގައިވަނީ 10 އިންސައްތައަށް ދަށަށް ގޮސްފައެވެ.

އެމެރިކާއަށް ވުރެ ޗައިނާއަށް ތާއީދު ބޮޑު އަށް ގައުމަކީ ކެނެޑާ އިޓަލީ ސްޕެއިން، ތުރުކީ، ލެކްސަންބާގް، ގްރީސް އައިސްލެންޑް އަދި މޮންޓިނެގްރޯއެވެ. ނަމަވެސް، ޗައިނާއަށް ވުރެ އެމެރިކާއަށް އޮންނަ ތާއީދު ބޮޑު ގައުމުތައް ވެސް ނޭޓޯގައި އެބަހުއްޓެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތް، ޕޮލެންޑް ޖަރުމަނު، ރުމޭނިއާ ސޮލޮވީނިއާ، ބޯލްޓިކް ކަނޑުގެ ތިންގައު ކަމަށްވާ ލެޓްވިއާ، ލިޓުއޭނިއާ، އެސްޓޯނިއާ އަދި ބެލްޖިޔަމް ފަދަ ގައުމުތައް ހިމެނެއެވެ.

މި ސާވޭއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ފަރާތުން ފެނަން ބައިނަލްއަގުވާމީ ގާނޫނަށް ބޯ ނުލެނބުމާއި ގައުމުތަކަށް އަރައިގަނެ ހަނގުރާމަކޮށް ގާނޫން ބޭރުން ކަންކަން ކުރުމާއި މީހުން މެރުމާއި ޖަރީމާތައް ހިންގުމާއި ވެރިކަން ބަދަލުކުރުން ފަދަ ކަންކަމަކީ 18 ވަނަ ގަރުނާއި 19 ވަނަ ގަރުނުފަދަ ޔޫރަޕްގެ ބޯދާ އިސްތިއުމާރުގެ ޒަމާނުގައި މާ މޮޅުކަމަކަށް ވިޔަސް މުލައްދަނޑީގެ ބާރު ބޭނުންކޮށްގެން ކަންކަން ކުރުމަކީ 21 ވަނަ ގަރުނުގެ ތަހުޒީބު މީހުންގެ ވިސްނުމާއި ސިކުނޑި ގަބޫލުކުރާ ކަންކަމެއް ނޫނެވެ.

ނޭޓޯގެ ގައުމުތަކުގެ އާންމުންގެ މެދުގައި އެމެރިކާގެ އިތުބާރު ގެއްލި އެމެރިކާގެ ބަދަލުގައި ޗައިނާގެ ތާއީދު އިތުރުވަމުންދާއިރު އެމެރިކާގެ ލީޑުކުރާ ނޭޓޯގެ މުސްތަގްބަލާ އަދި ނޭޓޯގެ ބަދަހި ކަމާމެދުވަނީ ސުވާލު އުފެދިފައިކަމަށް މި ރިޕޯޓްތައް ބުނެއެވެ.

ނިއުސްވީކް ބުނާގޮތުން ޔޫރަޕްގެ އާންމުންގެ މެދުގައި އެމެރިކާއާ މެދު ރުޅިވެރިކަން އުފެދެންފެށި މައިގަނޑު އެއް ސަބަބަކީ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި ޑެންމާކު ސަރަހައްދެއް ކަމަށްވާ ގްރީންލެންޑަށް ވެރިވެގަތުމަށް އެމެރިކާ ނިންމި ނިންމުމެވެ. ދެވަނަ ސަބަބަކީ ޔޫރަޕްގެ އުފެއްދުންތަކުން މަތީ ޕަސެންްޓަކަށް ޓެރިފް ނަގަން އެމެރިކާ ނިންމުމެވެ.

ގްރީންލޭންޑަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމަށް ހެދުމުގެ ބިލެއް މިހާރުވަނީ އެމެރިކާގެ ކޮންގްރެސްއަށް ވެސް ހުށަހަޅާފައެވެ. އެމެރިކާ ވަނީ ކޮންމެ ގޮތަކުން ނަމަވެސް ގްރީންލެންޑަށް ވެރިވެގަންނާނެކަމަށް ބުނެއެވެ.

comment ކޮމެންޓް