ބެއިޖިން ހާފް މެރަތަންގައި އިންސާނުން ބަލިކޮށް ހިއުމަނޮއިޑް ރޮބޮޓުތައް ރެކޯޑް ހަދައިފި

ރޮބޮޓެއް ދުވަނީ -- ފޮޓޯ: ރޮއިޓާސް

ބެއިޖިންގައި ކުރިއަށްދިޔަ ހާފް މެރަތަންގައި ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓުތަކެއް ވަނީ އިންސާނުންގެ މައްޗަށް ކުރިހޯދައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ. 12000 އަށްވުރެ ގިނަ މީހުންނާއި 100 އަށްވުރެ ގިނަ ރޮބޮޓް ޓީމު ވާދަކުރި މި ރޭހުގައި އެންމެ ކުރީގައި އުޅުނު ރޮބޮޓުތައް ވަނީ ޕްރޮފެޝަނަލް ދުވުންތެރިންނަށްވުރެ 10 މިނެޓު ކުރިން ރޭސް ނިންމާފައެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ ހޮނާއިން އުފެއްދި ރޮބޮޓެއް ވަނީ 50 މިނެޓާއި 26 ސިކުންތުން ރޭސް ނިންމައި އިންސާނުންގެ ދުނިޔޭގެ ރެކޯޑަށްވުރެ އަވަސް ވަގުތެއް ހޯދާފައެވެ.

  • ބެއިޖިން ހާފް މެރަތަންގައި އިންސާނުންނާއި ހިއުމަނޮއިޑް ރޮބޮޓުތައް ވަނީ އެއްފަހަރާ ވާދަކޮށްފައި.
  • ހޮނާ ކުންފުނީގެ ރޮބޮޓުން ވަނީ 50 މިނެޓާއި 26 ސިކުންތުން ރޭސް ނިންމާފައި.
  • ގިނަ ރޮބޮޓުތަކުން ރޭސް ފުރިހަމަކުރީ އަމިއްލައަށް މަގުހޯދައިގެން އެއްވެސް ކޮންޓްރޯލަކާ ނުލައި.
  • މި ރޮބޮޓުތަކުގައި ފޯނުތަކުގައި ބޭނުންކުރާ ލިކުއިޑް ކޫލިން ޓެކްނޮލޮޖީ ވަނީ ހަރުކޮށްފައި.

އާދީއްތަ ދުވަހު ޗައިނާގެ ބެއިޖިންގައި ބޭއްވި ހާފް-މެރެތަންއެއްގައި، ދުވި އިންސާނުން ފަހަތަށް ޖައްސާލުމަށްފަހު ޗައިނާއިން އުފައްދާފައިވާ އިންސާނުންނާ ވައްތަރު (ހިއުމަނޮއިޑް) އެތައް ރޮބޮޓެއް ބާރު ސްޕީޑުގައި ރޭސް ފުރިހަމަކޮށްފިއެވެ.

މިކަމުން ދައްކުވައި ދެނީ، އަމިއްލައަށް މަގުހޯދައިގެން ދުވުމުގެ ހުނަރާއެކު ރޮބޮޓިކްސްގެ ދާއިރާއަށް އަންނަމުންދާ ހަލުވި ޓެކްނޮލޮޖީގެ ކުރިއެރުންތަކެވެ.

މިދިޔަ އަހަރު ބޭއްވި މި ރޭހުގެ ފުރަތަމަ އެޑިޝަނުގައި ޓެކްނިކަލް ގިނަ މައްސަލަތަކެއް ދިމާވެ، ގިނަ ރޮބޮޓްތަކަށް ރޭސް ވަނީ ފުރިހަމަ ނުކުރެވިފައެވެ. އަދި މިދިޔަ އަހަރު އެއްވަނަ ހޯދި ރޮބޮޓަށް ވެސް ރޭސް ނިންމުނީ 2 ގަޑިއިރާއި 40 މިނެޓުންނެވެ. އެއީ އާދައިގެ ރޭހަކުން އެއްވަނަ ހޯދާ އިންސާނަކު ރޭސް ނިންމާ ވަގުތާ އަޅާބަލާއިރު ދެގުނަ ލަސް ވަގުތެކެވެ.

އެކާވީސް ކިލޯމީޓަރުގެ މި ރޭހުގައި ރޮބޮޓުތަކާއި 12,000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތީ ގޮތުން ވަކި ޓްރެކްތަކުގައި އެއްފަހަރާ ވާދަކޮށްފައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ އެޑިޝަނާ އަޅާ ބަލާއިރު ތަފާތު ވަރަށް ބޮޑެވެ. މިދިޔަ އަހަރު 20 ޓީމު ބައިވެރިވި އިރު މިއަހަރު 100 އަށް ވުރެ ގިނަ ޓީމު ވާދަކޮށް، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރޮބޮޓުތައް ވަނީ ރިމޯޓް ކޮންޓްރޯލް ނުކޮށް އަމިއްލައަށް މަގު ހޯދައިގެން ދުވެފައެވެ. އަދި ކުރީ ސަފުގައި ދުވި ބައެއް ރޮބޮޓުތައް ވަނީ ޕްރޮފެޝަނަލް އެތުލީޓުންނަށް ވުރެ 10 މިނެޓަށްވުރެ ބޮޑު ތަފާތުން ކުރި ހޯދާފައެވެ.

ރޭސް ކާމިޔާބުކުރީ ޗައިނާގެ ސްމާޓްފޯން ކުންފުނި ހޮނާ އިން އުފެއްދި ރޮބޮޓެކެވެ. އެ ރޮބޮޓް ހާފް މެރަތަން ނިންމީ 50 މިނެޓް 26 ސިކުންތުންނެވެ. މިއީ މިދިޔަ މަހު ލިސްބަންގައި ޔުގާންޑާގެ ޖޭކޮބް ކިޕްލިމޯ ހެދި ދުނިޔޭގެ ރެކޯޑަށްވުރެ ވެސް އަވަސް ވަގުތެކެވެ. ހޮނާ އިން ފުރަތަމަ ތިން މަގާމު ވެސް ހާސިލުކުރިއިރު، ތިން ރޮބޮޓުން ވެސް ވަނީ އަމިއްލައަށް ދުވެފައެވެ.

އިންޖިނިއާ ޑޫ ޝިއައޮޑީ ބުނީ، މި ރޮބޮޓް އެއް އަހަރު ތެރޭ ތަރައްގީކޮށް، އެލީޓް ދުވުންތެރިންނާ އެއްގޮތަށް 90 އިން 95 ސެންޓިމީޓަރު ދިގު ފައި އަދި ފޯނުތަކުގައި ބޭނުންކުރާ ލިކުއިޑް ކޫލިން ޓެކްނޮލޮޖީ ހަރުކޮށްފައިވާ ކަމަށެވެ. "އަވަހަށް ދުވުމަކީ ފުރަތަމަ ބޭކާރު ކަމެއްހެން ހީވިޔަސް، މިއިން ލިބޭ ތަޖުރިބާ ސްޓްރަކްޗަރަލް ރިލަޔަބިލިޓީ އާއި ކޫލިން ފަދަ ސިނާއީ ބޭނުންތަކަށް ބަދަލުވާނެ،" އޭނާ ބުންޏެވެ.

ބެލުންތެރިން ވަނީ ރޮބޮޓުތަކުގެ ހުނަރަށް ތައުރީފުކޮށްފައެވެ. ބެއިޖިން ޔުނިވާސިޓީ އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ 23 އަހަރުގެ ދަރިވަރު ޗޫ ތިއަންޗީ ބުނީ، އޭއައި ތަރައްގީވާތާ ކުޑަ ދުވަސްކޮޅެއްވީއިރު މިހާ ރަނގަޅަށް ދުވުމަކީ ހައިރާންކުރުވަނިވި ކަމެއް ކަމަށާއި، "މުސްތަގުބަލަކީ ޔަގީނުންވެސް އޭއައި ގެ ޒަމާން" ކަމަށެވެ.

ހަމައެއާއެކު 11 އަހަރުގެ ކުޑަކުއްޖާ ގުއޯ ޔުކުން ބުނީ، މި ރޭސް ބެލުމަށްފަހު ޔުނިވާސިޓީގައި ރޮބޮޓިކްސް ދަސްކުރަން ޝައުގުވެރިވެފައިވާ ކަމަށެވެ.

ހިއުމަނޮއިޑް ރޮބޮޓުތަކުގެ އިގްތިސާދީ ބޭނުން އަދިވެސް ވަނީ ޓެސްޓިން މަރުހަލާގައެވެ. ޗައިނާގެ ކުންފުނިތަކަށް އަދިވެސް ފެކްޓްރީގައި އިންސާނުންހާ ފަރިތަކަމާއެކު މަސައްކަތްކުރެވޭ އޭއައި ސޮފްޓްވެއާ ހެދުމަކީ ދަތި ކަމެކެވެ. މެނުއަލް ޑެކްސްޓެރިޓީ އާއި ވަށައިގެންވާ މާހައުލު ދެނެގަތުން ފަދަ ހުނަރުތައް އަދި ފުރިހަމައެއް ނުވެއެވެ. އެހެންނަމަވެސް ޗައިނާ ދަނީ ސަބްސިޑީ އާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން މި ދާއިރާގައި ދުނިޔޭގެ ލީޑަރަކަށް ވުމަށް މަސައްކަތްކުރަމުންނެވެ.

ފެބްރުއަރީގައި ސީސީޓީވީ ގެ ސްޕްރިން ފެސްޓިވަލް ގާލާގައި ޔުނިޓްރީ ގެ ރޮބޮޓުތައް ކުޑަކުދިންނާއެކު ހަނގުރާމަވެރި ހުނަރު ދައްކާލުމުން ވެސް އެ އަޒުމު ފެނިގެން ދިޔައެވެ.

comment ކޮމެންޓް