މި އަހަރު ޖުމުލަ އެއް ބިލިއަން ޑޮލަރެއްހާ ފައިސާ ދަރަންޏަށް ދައްކަންޖެހޭއިރު، އަހަރު ފެށިއިރު މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރު ކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރަކީ ބޭރުގެ ބޮޑެތި ދަރަނިތަކެއް ދައްކަންޖެހޭ އަހަރެކެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ހިމެނެއެވެ. އެއީ، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑްގެ ދުވަސްވަރު ވިއްކި އިސްލާމިކް ބޮންޑެކެވެ.
އެމްއެމްއޭއިން މި މަހު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 983.04 މިލިއަން ޑޮލަރެވެ. އަދި، ބޭނުންކުރެވޭ ރިޒާވް ހުރީ 244 މިލިއަން ޑޮލަރުގައެވެ.
ބޭނުން ކުރެވޭ ރިޒާވު ގުނަނީ ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރު ފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށް ފަހެވެ. އެއީ ރިޒާވުން ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި އަދަދެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުން ފެށިގެން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތުން ޑޮލަރު މާރުކުރަން ވަނީ މަޖުބޫރުކޮށްފައެވެ. އެ ފައިސާގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ވިއްކަން މަޖުބޫރުކޮށްފައިވާއިރު، އޭގެ 60 އިންސައްތަ ފައިސާ ބޭނުންކުރަނީ ރިޒާވް ހަރުދަނާކުރަން ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ. އަދި، ރިޒާވް ބޭންކް އޮފް އިންޑީއާ އެކު ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ ވެސް ރިޒާވް ހަރުދަނާވުމުގެ ސަބަބެއް ކަމަށް އެމްއެމްއޭއިން މީގެ ކުރިން ބުންޏެވެ.
މި އަހަރު ރާއްޖޭން އަދާކުރަންޖެހޭ ދަރަނީގެ ޖުމުލަ އެއް ބިލިއަން ޑޮލަރަށް އަރައެވެ. އެއީ، މިހާތަނަށް ރާއްޖޭން އެއް އަހަރެއްގައި ދައްކަންޖެހޭ އެންމެ ބޮޑު އެއް ދަރަންޏެވެ.
ސަރުކާރުން މިދިޔަ އަހަރު ވެސް ބުނެފައިވަނީ މަސައްކަތްކުރަނީ އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ އެއްބައި ރީފައިނޭންސްކުރަން ކަމުގައެވެ. މާނައަކީ އިތުރު ބޮންޑެއް ވިއްކައިގެން ފައިސާ ދެއްކުން ފަސްކުރާނީއެވެ. އެކަމަކު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް 'ޖަންކް' ރޭޓިންއެއް ނުވަތަ އިންވެސްޓްކުރަން ކަމުނުދާ ގައުމުތަކުގެ ރޭންކިންއަށް ވައްޓާލާފައިވާވުމުން ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
މި އަހަރު 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭތީ ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރާށާއި މާލީ އިސްލާހުތައް ތަންފީޒުކުރަން 2021 އިން ފެށިގެން އަންނަނީ ގޮވާލަމުންނެވެ. އެކަމަކު، އެ ފަދަ ފިޔަވަޅުތައް ތަންފީޒުކުރެވިފައެއް ނުވެއެވެ. އެހެންވިޔަސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.