ކާތިކްގެ ފިލްމު ފްލޮޕްވުމުން ފީގެ ބޮޑު ބައެއް އުނިކޮށްފި

މިދިޔަ ޑިސެންބަރު މަހުގެ 25 ގައި ރިލީޒްކުރި އެކްޓަރު ކާތިކް އާރްޔަންގެ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ" ބޮކްސް އޮފީހުގައި ފެއިލްވުމާ ގުޅިގެން އެ ފިލްމަށް ކިޔުނު ފީގެ ބޮޑު ބައެއް އެކްޓަރު އުނިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ކާތިކް ފިލްމަށް ހުށަހެޅި ފީގެ އަދަދުން 15 ކްރޯޑު ރުޕީސް އުނިކުރަން ނިންމި ކަމަށް ދަ އިންޑިއަން އެކްސްޕްރެސްގެ ސްކްރީން ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ކާތިކްގެ މި ނިންމުމަކީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރަށާއި ފިލްމު ޕްރޮޑަކްޝަނަށް ލިބުނު ގެއްލުން ފޫބެއްދުމަށް އެހީތެރިވެދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ މަންޒަރެއްގައި ކާތިކް އަދި އަނަނިޔާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ކާތިކްގެ މި ނިންމުމަށް ގިނަ ބަޔަކު ތައުރީފުކުރިއިރު ބައެއް މީޑިއާތަކުން ބުނެފައިވަނީ ކާތިކް ފިލްމަށް ހުށަހެޅި ފީގެ ބައެއް އުނިކުރަން ނިންމީ ދަރުމާ ޕްރޮޑަކްޝަންސްގެ ކުރިއަށް ހުރި ފިލްމުތަކުން އެކްޓަރު ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެކަން މިހާތަނަށް ދަރުމާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދަރުމާ ޕްރޮޑަކްޝަންސްއިން ކާތިކް އަދި ބަތަލާ އަނަނިޔާ ޕާންޑޭ ހިމަނައިގެން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި 50 ކްރޯޑާ ކައިރިކުރާ މިންވަރަށް ވެސް އާމްދަނީ ހޯދިފައެއް ނުވެއެވެ. ފިލްމަށް މިހާ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ މިދިޔަ މަހު ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު އަދިތިޔަ ދަރުގެ ފިލްމު "ދުރަންދަރު"ގެ ހިޔަނި ކަރަންގެ ފިލްމަށް އެޅުމުން ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ކަރަންގެ ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކުރުމާ އެކު ފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދޭނެ ކަމާމެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

ފިލްމު "ދުރަންދަރު"ގެ ކާމިޔާބީގެ ހިޔަނި އެޅިދާނެކަމުގެ ބިރު ހީވުމާ އެކު ޑިސެންބަރު އަދި މި ފެށުނު ޖަނަވަރީ މަހު ރިލީޒްކުރަން ނިންމި ވަރަށް ގިނަ ފިލްމުތައް ރިލީޒްކުރާ ތާރީޚު ވަނީ ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ފިލްމު "އިއްކީސް" އަދި "ދަ ރާޖާ ސާބް"ގެ އިތުރުން ވައިއާރްފްގެ ފިލްމު "އަލްފާ" ހިމެނެއެވެ.

comment ކޮމެންޓް