މިއީ އިދިކޮޅު އެމްޑީޕީގެ 20 އަހަރުގެ ދިގު ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ކަންކަންދިޔަ އެތެރޭގެ އެއް އިންތިޚާބުކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެ.
އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅަން މިއަދު އޮތް ވޯޓުގެ ނަތީޖާތައް މިހާރު ވަނީ ގުނައި ނިމިފައެވެ. ގިނަ ދާއިރާތަކަކުން ވަގުތީ ނަތީޖާ ވެސް ވަނީ އިއުލާނުކޮށްފައެވެ.
އެއާއެކު މި އިންތިޚާބުގެ ކަންކަމާ ބެހޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މިއީ ވަރަށް އަމާން އިންތިޚާބެއް ކަމަށެވެ.
"އެމްޑީޕީގެ ތާރީޚުގައި ވެސް ހަމަ އެންމެ ރަނގަޅަށް ހިނގި އެއް އިންތިޚާބު މި އިންތިޚާބަކީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން ތިބޭނީ އެއްކޮށް،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވަނީ މި އިންތިޚާބު އޮމާންކަމާއެކު ނިންމައިލެވުނީތީ ކެންޑިޑޭޓުންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދަން އެ ޕާޓީން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ. މިހާރު ވެސް ފެންނަން އޮތީ ރަނގަޅު މަންޒަރެއްކަމަށާއި، ރަނގަޅު ކާމިޔާބެއް ހޯދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަަމަށް ވެސް ވިދާޅުވިއެވެ.
"މިހާރުފެންނަ ފެނުމުގައި ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ނެރެވޭނެ ކައުންސިލް އިންތިޚާބުގައި،" ޣަފޫރު ވިދާޅުވިއެވެ.
މިއަދުގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރެއްވީ އާދަމް އާޒިމެވެ.
އަނެއްކޮޅުން ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އަލީ އާޒިމަކީ މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށް، އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އެއިރުގެ އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ނިކުންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަލީ އާޒިމް ހިމެނޭހެން މުޅި ޑިމޮކްރެޓްސްގެ ހުރިހާ އިސް މެންބަރުންހެން، އަލުން އެމްޑީޕީއަށް ވަނީއެވެެ.
އިންތިޚާބު ކާމިޔާބުކުރެއްވީ އާދަމް އާޒިމެވެ.