އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ.
ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި މިއަދުގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރެއްވީ އާދަމް އާޒިމެވެ.
އަނެއްކޮޅުން ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އަލީ އާޒިމަކީ މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށް، އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އެއިރުގެ އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ނިކުންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަލީ އާޒިމް ހިމެނޭހެން މުޅި ޑިމޮކްރެޓްސްގެ ހުރިހާ އިސް މެންބަރުންހެން، އަލުން އެމްޑީޕީއަށް ވަނީއެވެެ.
ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި 17 ފޮއްޓެއް މާލޭގެ ދާއިރާތަކަށް ޚާއްސަކޮށް ބަހައްޓައިފައިވެއެވެ.
މީގެ ތެރެއިން ގިނަ ފޮށިތަކެއްގެ މެޖޯރިޓީ ހޯއްދެވީ އާދަމް އާޒިމެވެ.
ދެ ބޭފުޅުންގެ ކެމްޕޭނުގައި ވެސް މާލެ ބަދަލުކުރާނެ ގޮތުގެ މުހިންމު ވާހަކަތަކެއް ދައްކަވައިފައިވާއިރު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަަރަށް ބޮޑަށް ސިޔާސީ ފާޑު ވިދާޅުވުން ވެސް އަމާޒުކުރައްވައިިފައިވެއެވެ.
މިހާރުގެ މޭޔަރު އާޒިމް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ ދޮޅު އަހަރެއްހާ ދުވަސްތެރޭ މާލެ ހިތްފަސޭހަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރެއްވި ކަމެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، ކާނުތައް ސާފުކުރުމާއި، ފެން ޕަންޕުތައް ގެނައުން ފަދަ ކަންކަން ކާމިޔާބީގެ ގޮތުގައި ފާހަގަކުރައްވައެވެ.
މީގެ އިތުރުން މާލޭގައި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ހުސް ޖާގަތައް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތް ވެސް އާޒިމް ފާހަގަކުރައްވައެވެ.
އާދަމް އާޒިމަކީ، މިދިޔަ އެމްޑީޕީ ވެރިކަމުގައި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގެވި ބޭފުޅެކެވެ. އެގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވިއިރު، އެއަށްފަހު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ ކުރެއްވި މަސައްކަތް ވެސް ފާހަގަކުރެވެއެވެ.