ފިލްމު 'ބޯޑާ 2'ގެ ޓްރެއިލާ ރިލީޒްކޮށްފި


ބެލުންތެރިންގެ ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރަމުން އަންނަ ބޮލީވުޑް ފިލްމު "ބޯޑާ 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ފިލްމު "ބޯޑާ 2" އަކީ 1997 ވަނަ އަހަރު ތަޖުރިބާކާރު ޑައިރެކްޓަރު ޖޭޕީ ދައްތާގެ އަމިއްލަ ސްކްރީންޕްލޭ އަކަށް އުފެއްދި ފިލްމު "ބޯޑާ"ގެ ސީކުއަލްއެކެވެ.

ފިލްމު "ބޯޑާ 2" ބިނާކޮށްފައި ވަނީ 1971 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށްދިޔަ ހަނގުރާމައިގެ އިންޑިއާގެ އަސްކަރިއްޔާ އާއި ނޭވީ އޮފިސަރުން އަދި އެއާފޯސް ގުޅިގެން ކުރި ހޯދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށެވެ.

ފިލްމު "ބޯޑާ 2"ގެ ކާސްޓުންގެތެރޭ ސަނީ ޑިއޯލް، ވަރުން ދަވަން، ދިލްޖީތު ދޮސާންޖް، އަހާން ޝެޓީ، މޯނާ ސިންގް، ސޯނަމް ބާޖްވާ އަދި އަންޔާ ސިންގެ އިތުރުން މޭދާ ރާނާ ހިމެނެއެވެ.

ސަނީ ޑިއޯލް އަކީ ފިލްމު "ބޯޑާ"ގެ ވެސް މުހިއްމު ރޯލެއް ކުޅުނު އެކްޓަރެކެވެ. ކުރީގެ ފިލްމުގެ ކާސްޓުންގެތެރެއިން ސީކުއަލްއިން ފެންނާނެ ހަމައެކަނި އެކްޓަރަކީ ވެސް ސަނީއެވެ.

ފިލްމު "ބޯޑާ 2"ގެ ޓްރެއިލާގެ މަންޒަރެއްގައި އެކްޓަރު އަހާން ޝެޓީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމުގެ ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ވާހަކަ ދައްކަމުން "ބޯޑާ"ގެ މުހިއްމު ރޯލެއް ކުޅުނު ކުރީގެ އެކްޓަރު ސުނިލް ޝެޓީ ބުނީ 1997ވަނަ އަހަރުގެ ފިލްމުގައި އޭނާ މަރުނުވިނަމަ ސީކުއަލްއިން ފެންނާނެ ކަމަށެވެ.

ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެތީ އޭނާ ފިލްމުގައި ނެތްކަމުގެ ފަޅުކަން ބެލުންތެރިންނަށް އިހުސާސްކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސުނިލް ވަނީ ބުނެފައެވެ.

މި އަންނަ ހަފްތާގެ ހުކުރު ދުވަހު (23 ޖަނަވަރީ)ގައި ސިނަމާތަކަށް ދޫކޮށްލާ ފިލްމު "ބޯޑާ 2" އަކީ ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ޖޭޕީ ދައްތާގެ ދަރިފުޅު ނިދީ ދައްތާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގްއެވެ.

comment ކޮމެންޓް