ބިރުވެރި ފިލްމު 'ތުމްބަޅް 2'އިން އާލިއާ ފެންނާނެކަން އިއުލާނުކޮށްފި

ބަތަލާ އާލިއާ ބަޓް ޕްރޮޑިއުސަރު ސޯހަމް ޝާހްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ފިލްމީތަރިން ކަމަށްވާ ސޯހަމް ޝާހް އާއި ނަވާޒުއްދީން ސިއްދީޤީ މުހިއްމު ރޯލްތަކުން ފެންނާނެ ބިރުވެރި ފިލްމު "ތުމްބަޅް 2"އަށް ބަތަލާ އާލިއާ ބަޓް ސޮއިކުރިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ، 2018 ވަނަ އަހަރު ހަމަ އެ ނަމުގައި ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ހޮރޯ-ފެންޓަސީ ފިލްމުގެ ދެވަނަ ބައެވެ.

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ އެ ފިލްމުގެ ދެވަނަ ބަޔަށް ސޮއިކުރިކަން އިއުލާނުކުރި ނަމަވެސް އާލިއާ ފިލްމުގައި ކުޅޭނީ ކޮންކަހަލަ ރޯލެއް ކަމާއި އެއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.

ބައެއް ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި އާލިއާ ފެންނާނީ ވަރަށް ކުޑަ ރޯލަކުންނެވެ. ނަމަވެސް އެއީ ފިލްމުގައި ގެނެސްދޭ ވާހަކައިގެ ވަރަށް މުހިއްމު ވަރުގަދަ ބަޔަކަށްވެފައި ބަތަލާ ކުޅޭ ކެރެކްޓާ އެހާމެ ޝައުގުވެރިވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި ފިލްމަކީ، އާލިއާ ބިރުވެރި ޖޯންރާގެ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމެވެ.

ފިލްމު "ތުމަބަޅް 2"ގެ މުހިއްމު ރޯލަކުން ފެންނާނެ އެކްޓަރު އަދި ފިލްމުގެ ޕްރޮޑިއުސަރު ސޯހަމް ޝާހް--ފޮޓޯ/އިިންޑިއަންއެކްސްޕްރެސް

މި ފިލްމުގައި ކުޅެން ލިބުނު ރޯލާ ގުޅޭގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ، "ތުމަބަޅް"ގެ ފުރަތަމަ ފިލްމު ބެލުމަށްފަހު އެ ފިލްމުގެ ވާހަކައަށް އޭނާ ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށެވެ. އެ ފިލްމުގެ ވާހަކައަށް ދެން ވާނެގޮތަކާ މެދު އަހަރުތަކެއް ފަހުން ވެސް ވިސްނޭ ކަމަށާއި ދެވަނަ ފިލްމުން ލިބުނު ފުރުސަތަކީ ވަރަށް ހާއްސަ ތަޖުރިބާއަކަށްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެ ސޯހަމް ޝާހް ޕްރޮޑިއުސްކޮށް އާދޭޝް ޕްރަސާދު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމު "ތުމްބަޅް 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހަށެވެ.

މި ފިލްމަކީ 2018 ވަނަ އަހަރު ނެރުނު ކާމިޔާބު ހޮރޯ ފެންޓަސީ ފިލްމުގެ ދެވަނަ ބަޔެވެ. މީގެ މުހިންމު ރޯލުތަކުން އާލިއާ ބަޓްގެ އިތުރުން ސޯހަމް ޝާހް އަދި ނަވާޒުއްދީން ސިއްދީޤީ ފެނިގެންދާނެއެވެ. އާލިއާ ކުޅޭ ރޯލުގެ ފުރިހަމަ ތަފުސީލު ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އޭނާ ބިރުވެރި ޖޯންރާގެ ފިލްމަކުން ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފަހަރެވެ. މި ފިލްމަކީ އޭނާއަށް ލިބުނު ވަރަށް ހާއްސަ ތަޖުރިބާއެއްކަން އާލިއާ ވަނީ ފާހަގަކޮށްފައެވެ.

  • ކާމިޔާބު ފިލްމު "ތުމްބަޅް 2" ގެ މުހިންމު ރޯލަކަށް އާލިއާ ބަޓް ވަނީ ސޮއިކޮށްފައެވެ.
  • މިއީ ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ އާލިއާ ކުޅޭ ފުރަތަމަ ބިރުވެރި ފިލްމެވެ.
  • ފިލްމުގައި އޭނާ ފެންނާނީ ކުރު ނަމަވެސް، ވާހަކައަށް ނުހަނު މުހިންމު އަދި ވަރުގަދަ ކެރެކްޓާއަކުންނެވެ.
  • ސޯހަމް ޝާހް ޕްރޮޑިއުސްކޮށް އާދޭޝް ޕްރަސާދު ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 3 ގައެވެ.
comment ކޮމެންޓް