ހުޅުމާލެ ފަޅުގައި ފައިބަރުގެ މަސައްކަތް ކުރުން ހުއްޓާލައި، އާދިއްތަ ދުވަހުގެ ކުރިން އެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.
މިއަދު ކުރި އިއުލާނެއްގައި އެޗްޑީސީން ބުނީ، ހުޅުމާލެ ފަޅުތެރޭ އޮޑިދޯނިފަހަރުގައި ފައިބަރުގެ މަސައްކަތް ކުރަމުން އަންނަ ކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ، ފަޅުތެރޭ ފައިބަރުގެ މަސައްކަތްކުރުން މަނާ ކަމަށް، އެޗްޑީސީން ބުންޏެވެ.
އެހެންކަމުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ހުޅުމާލެ ފަޅުތެރޭ ފައިބަރުގެ މަސައްކަތްކުރުން ހުއްޓާލުމަށާއި، އެ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް މަސައްކަތް ބަދަލުކުރަން އެޗްޑީސީން ވަނީ އަންގައިފައެވެ.
އެ ދުވަހުގެ ކުރިން ފައިބަރުގެ މަސައްކަތްކުރުން ހުއްޓާނުލައިފިނަމަ، ކަނޑުމަތީ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނާނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.
އެޗްޑީސީން މިފަދަ އިއުލާނެއް މިއަދު ކުރިއިރު، ވިލިމާލޭ ރައްޔިތުން ފައިބަރު މަސައްކަތް ކުރުމަށް، ހަ މަސްދުވަހުގެ ތެރޭގައި ތިލަފުށިންް ޖާގަ ދޫކުރަން ފަށާނެކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖެނުއަރީ 6، 2024ގައި ވިދާޅުވެފައިވެއެވެ.
ރައީސް އެހެން ވިދާޅުވީ، އެމަނިކުފާނު މަގާމުގެ ހުވާކުރެއްވުމާއި ބައެއް ކައުންސިލަރުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގެން، އަދި ބައެއް ކައުންސިލަރުން މަޖިލީހަށް ކުރިމަތިލެއްވުމާ ގުޅިގެން ހުސްވި މަގާމުތަކަށް ޕީއެންސީގެ ޓިކެޓުގައި އޭރު ވާދަކުރެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ވިލިމާލެއަށް ވަޑަައިގެން، އެ އަވަށުގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.
ފައިބަރު މަސައްކަތް ކުރާ، އެ މަސައްކަތުން ދިރިއުޅޭ އާއިލާތައް ވިލިމާލޭގައި ތިބިކަން ފާހަގަކުރައްވައި ރައީސް އޭރު ވިދާޅުވީ، އެކަމަކީ އަވަށު އެތެރޭގެ ސަރަހައްދެއްގައި އެކަން ކުރުމުން ސިއްހަތަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، ތިލަފުށިން އެކަމަށް ޖާގައެއް ކަނޑައެޅުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.
އެކަން ނުވީ، އެމްޑީޕީގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު، އެ މަސައްކަތް ކުރުމަށް ތިލަފުށިން ޖާގައެއް ކަނޑައަޅުއްވާފައިވާ ކަމަށް އޭރު އިއުލާނުކުރެއްވިއެވެ. އަދި، އެ ޖާގަތައް ތަރުތީބު ކުރެވިގެން، ފައިބަރު މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ފުރުސަތު ލިބޭނެހެން، ރަނގަޅު އުސޫލަކާ އެކީ ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭރު ވިދާޅުވިއެވެ.