ކާތިކްގެ ފިލްމު 'ނާގްޒިއްލާ'ގެ ވިލެންއަކީ ރަވީ؟

ފިލްމު އެކްޓަރު ރަވީ ކިޝެން އަދި ކާތިކް އާރްޔަން--ފޮޓޯ/އެމްއެސްއެން

ބޮލީވުޑްގެ އެކްޓަރު ކާތިކް އާރްޔަން ދަރުމާ ޕްރޮޑަކްޝަންސްއަށް ކުޅެދޭ ފިލްމު "ނާގްޒިއްލާ"ގެ ވިލެންގެ ރޯލަށް ހުނަރުވެރި އެކްޓަރު ރަވީ ކިޝަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބުނު ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"އަށް ފަހު ކާތިކް ދަރުމާއަށް ކުޅެދޭ ދެވަނަ ފިލްމެވެ.

މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ވިލެންގެ ރޯލް ކުޅެފައިވާ ރަވީ ވަރަށް އަވަހަށް "ނާގްޒިއްލާ"ގެ ކްރޫއާ ގުޅޭނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ނަމަވެސް، ރަވީ ފިލްމަށް ސޮއިކުރިކަން ދަރުމާއިން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ދެކުނު އިންޑިއާގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ރަވީއަކީ އިންޑިއާގައި އެކި ބަހުރުވައިން އުފައްދާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓަރެކެވެ.

ފިލްމު "ނާގްޒިއްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ރަވީއަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ސިޔާސީ ލީޑަރެކެވެ.

ރަވީ މިހާތަނަށް ކުޅެފައިވާ މަގުބޫލު ބޮލީވުޑް ފިލްމުތަކުގެ ތެރޭ "ހެރާ ޕެރީ"، "ތެރޭ ނާމް"، ""ތަނޫ ވެޑްސް މަނޫ"، "ލާޕަތާ ލޭޑީސް" އަދި "ސަން އޮފް ސަރުދާރު" ހިމެނެއެވެ. ފިލްމު "ލާޕަތާ ލޭޑީސް"ގައި ރަވީ ކުޅުނު ކެރެކްޓާއަށް ގިނަ ބައެއްގެ ތައުރީފު ލިބުނުއިރު އެ ފިލްމަކީ ކެރިއަށް އިތުރު ކުރިމަގެއް ލިބުނު ކެރެކްޓާއެއްގެ ގޮތުގައި ރަވީ ވަނީ ސިފަކޮށްފައެވެ.

ރަވީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ ނޮވެންބަރު މަހު ރިލީޒްކުރި ފިލްމު "ތޭރެ އިޝްޤް މޭ"އިންނެވެ. ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ "ނާގްޒިއްލާ" އަކީ ޑައިރެކްޓަރު މިރްދީޕް ސިންގް ލާމްބާ ޑައިރެކްޓްކުރާ ފިލްމެކެވެ.

ކްރީޗާ ކޮމެޑީ މި ފިލްމުގެ ބަތަލާއަކީ ކާކުން މިހާތަނަށް އިއުލާނުކޮށްފައި ނެތްއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ގައެވެ.

comment ކޮމެންޓް