ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން މާލޭ މޭޔަރު ކަމަށް ވާދަކުރުމަށް, ޕްރައިމަރީގައި ވޯޓް ދެއްވާނީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ވޯޓްލުން މާދަމާ އޮތްއިރު, މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ޞާލިޙް ފާޅުގައި ވަކި ބޭފުޅަކަށް ތާއީދު ކުރައްވާކަން ހާމަ ނުކުރެއްވެވި ނަމަވެސް އާދަމް އާޒިމް ވާދަ ކުރައްވަނީ އެ މަނިކުފާނުގެ ތާއީދާއެކުގައި ކަމަށް ފުރަތަމަ ވެސް ވާހަކަ ދެކެވުނެވެ.
އަލީ އާޒިމްގެ ކެމްޕެއިންގައި ފާޅުގައި, ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނާ ބައިވެރިވެގެން ކުރިން ދަ ޑިމޮކްރެޓްސް ހެއްދެވި ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ގަލޮޅު ސިޓީ ޕާކާ ގުޅޭ ޕޯސްޓެއް ފޭސްބުކްގައި ޝެއާ ކުރައްވަވަމުން ރޭ ފަޒްނާ ވިދާޅުވީ، ޕްރައިމަރީގައި އާދަމް އާޒިމަށް ވޯޓް ދޭން ނިންމެވި ސަބަބަކީ, އަމާޒެއް އޮވެގެން މަސައްކަތް ކުރައްވައި, ނަތީޖާ ނެރެދެއްވާތީ ކަމަށެވެ.
މިސާލު ދައްކަވަމުން ފަޒްނާ ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކޮށްދެއްވުމަށް އެދި, އެކަމަނާ ތާޖުއްދީން ސްކޫލުގައި މަސައްކަތް ކުރެއްވެވިއިރު ވެސް ވެރިންގެ ގާތަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ކޮންމެ ބޭފުޅަކު ވެސް އެކަން ފައްޓަވަނީ މާ މަތިން ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"މަގު އުސްކުރުމާއި ތިރިކުރުމާ މިހެން ގޮސް އެތައް ކަމެއް. އާދަމް އާޒިމް ފެއްޓެވީ އެންމެ އާދައިގެ މަސައްކަތުން. އެއީ ގަވާއިދުން ކާނުތައް ސާފު ކުރުމާއި ފެން ހިއްކޭނެ ރަނގަޅު އާލާތް ބޭނުން ކުރުން،" ފަޒްނާ ވިދާޅުވިއެވެ.
އެމްޑީޕީ ޕްރައިމަރީގެ ވޯޓްލުން އޮތީ މާދަމާ މެންދުރު 14:00 އިން 20:00 އަށެވެ.