ތިލަމާލެ ބްރިޖުގެ 68 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ސެގްމަންޓުތައް އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެކަމަށް ލަފައިކުރެވޭކަމަށް ބްރިޖުގެ މަސައްކަތްކުރަމުން އަންނަ އެފްކޮންސްއިން ބުނެފިއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން "ސަން"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ ވިދާޅުވީ މިހާރުކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުގެ ސެގްމަންޓުތައް އެތުރުމުގެ މަސައްކަތްކަމަށެވެ.
"މައިގަނޑު މަސައްކަތަކީ ސެގްމަންޓް ޑައިރެކްޝަން. މިއީ ވަރަށް ނާޒުކު މަސައްކަތެއް. އަޅުގަނޑުމެން މި ބަލަނީ އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް މާލެއާއި ވިލިމާލެ ގުޅުވައިލުމުގެ ސެގްމަންޓް މަސައްކަތް،" ވިސްވަމުރްތީ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ "ސަން"އަށް އިންޓަވިއުދެއްވަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާން
އޭނާ ވިދާޅުވީ މުޅި ބްރިޖުގެ މަސައްކަތަށް 2،300 އަށްވުރެ ގިނަ މީހުން، 24ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެއާއެކު މި އަހަރު ނިމޭއިރު، މާލެ ވިލިމާލެއާ ދެމެދު ދަތުރުކުރަން ފެށޭވަރު ކުރުމަކީ އަމާޒުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަނީ ޔަގީނުން ވެސް މަސައްކަތްކުރަމުން،" އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ވެސް ތިލަމާލެ ބްރިޖުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އެހެންވެ އެ ކަންބޮޑުވުން މިހާރުގެ ސަރުކާރުގެ ފަރާތުން ވެސް ފާހަގަކުރެއެވެ. އެކަމާ ގުޅޭގޮތުން ވިސްވަމުރްތީ ވިދާޅުވީ، މައިގަނޑު ދައްޗަކީ މޫސުން ދިމާވާގޮތުން ކުރިމަތިވާ ދަތިތައް ކަމަށެވެ. ޚާއްސަކޮށް މާލެއާއި ވިލިމާލެއާ ދެމެދު އޮތީ ވަރަށް ގަދަ ކަނޑެއް ކަމަށާއި، އޮއިވަރު ހުންނަ ގޮތުން ނަގާ ރާޅު ބާނިތަކާ އެކު ބާޖުތައް، ޕްލެޓްފޯމްތަކާ ގާތްކުރުން ފަދަ ކަންކަމުގައި ވަރަށް ދަތިވާ ކަމަށެވެ.
އަދި އެ ފަދަ ކަންކަމާހެދި މަހަކު ދިހަވަރަކަށް ދުވަސް މަސައްކަތް ނުކުރެވިދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ސެގްމަންޓުތައް ގުޅުވުމުގެ މަސައްކަތް ކުރަނީ -- ސަން ފޮޓޯ: މުޙައްމަދު ޝާން
"އެއް ގޮތަކަށް ވެސް ބުނަން ނޭނގެ. ވަރަށް އުނދަގޫ ނުރައްކާތެރި ވެސް ކަމެއް. އެއްވެސް ގޯހެއް ހެދިއްޖެނަމަ، ނުރައްކަލެއް ހިނގަން މަގުފަހިވާނެ. އެއްވެސް ސެގްމަންޓަކަށް ގެއްލުންވެއްޖެ ނަމަވެސް އިތުރަށް ލަސްވާނެ،" އޭނާ ވިދާޅުވިއެވެ.
މުޅި ބްރިޖުގައި ޖުމްލަ 1200 އަށްވުރެ ގިނަ ސެގްމަންޓް ޑައިރެކްޝަންގެ މަސައްކަތް ހިނގާނެއެވެ. އޭގެ ތެރެއިން 700 އެއްހައި ސެގްމަންޓު ޑައިރެކްޝަން މަސައްކަތް އަދި ބާކީ އެބަހުރި ކަމަށް ވިދާޅުވިއެވެ.
ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު، މުހިންމު ބްރިޖެކެވެ. މި ބްރިޖުގައި ކޮޅަކަށް ދެ ލޭނު ހުންނައިރު، އެއް ކޮޅުގައި ހިނގާ މީހުންނަށް ޖާގައެއް އޮންނައިރު، އަނެއް ކޮޅުގައި ކަރަންޓު، ފެން ފަދަ ކަންކަމަށް ޚާއްސަ ހޮޅި ބަހައްޓަން ޖާގަހުރެއެވެ.