ތައިލޭންޑުގައި ކެރޭނެއް ރޭލެއްގެ މައްޗަށް ވެއްޓި 32 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ

ކެރޭން ވެއްޓި ހަލާކުވި ކެރިއޭޖެއް --

ތައިލެންޑުގެ އިރުއުތުރު ސަރަހައްދުގައި، އިމާރާތްކުރުމުގެ މަސައްކަތުގައި ބޭނުންކުރި ކްރޭނެއް ރޭލެއްގެ މައްޗަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަދުވެގެން 32 މީހުން މަރުވެ، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

ބެންކޮކުން ފުރައިގެން ތައިލެންޑުގެ އުބޮން ރަޓްޗަތާނީ ޕްރޮވިންސަށް ދަތުރުކުރި މި ރޭލުގައި ކެރޭން ޖެހިފައިވަނީ މިއަދު ހެނދުނު 9:10 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ރޭލު ދަތުރުކުރާތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވެފައިވާ ކަމަށް ރޭލުގެ މުވައްޒަފަކު މައުލޫމާތު ދީފައިވެއެވެ. މި ކްރޭނަކީ އެ ސަރަހައްދުގައި ކުރިއަށްދާ ހައި-ސްޕީޑް ރޭލު މަޝްރޫއެއްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެއްޗެކެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު ތަހުގީގު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހާދިސާ ހިނގި ސަރަހައްދުން ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކެރޭން ވެއްޓުމުގެ ސަބަބުން ރޭލުގެ ބައިތައް ވަނީ ދަގަނޑު މަތިން ކަހާލައި، ފުރޮޅާލާފައެވެ. ސަލާމަތްކުރާ ފަރާތްތަކުން ދަނީ ހަލާކުވެފައިވާ ދަގަނޑުތަކާއި ކުނިތަކުގެ ތެރޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނަކޮން ރަޓްޗަސީމާ ޕްރޮވިންޝަލް ޕަބްލިކް ހެލްތު އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި ޖުމްލަ 66 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އަށް މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

ތިން ކެރިއޭޖް ހިމެނޭ މި ރޭލުގައި ގާތްގަނޑަކަށް 200 މީހުން ދަތުރުކުރަމުން ދިޔައެވެ. ހާދިސާ ހިނގިއިރު ރޭލު ދަތުރުކުރަމުން ދިޔައީ ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ރޭލުގެ އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ރޭލުގެ ދެވަނަ އަދި ތިންވަނަ ބަޔަށެވެ. އަދި މި ހާދިސާގެ ސަބަބުން ރޭލުގެ ދެވަނަ ބައިގައި އަލިފާން ރޯވި ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް