ކާރު ކޮންޓްރޯލްވީ މަގުގެ އެއް ފަރާތުގައި ހުރި ގަހެއްގައި ޖެހި

ރޭ ފަތިހު ހިނގި އެކްސިޑެންޓް: ކާރު ކޮންޓްރޯލްވީ ގަހެއްގައި ޖެހި---

ހުޅުމާލޭ ފޭސް ދޭއްގައި ދުއްވާފަދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް, މަގުގެ އެއް ފަރާތުގައި ހުރި ގަހެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ ރޭގެ ފަތިހު 4:15 ގައި ކަމަށެވެ.

މި އެކްސިޑެންޓް ހިނގީ ފޭސް ދޭއްގެ ނިރޮޅުމަގުން ދުއްވި ކާރެއް, ކޮންޓްރޯލްނުވެ ގޮސް މަގުގެ އެއް ފަރާތުގައި, ޕޭވްމަންޓާއި މަގާ ދެމެދު ހުރި ގަހެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ކާރު ދުއްވަން އިން މީހާއާއި އޭނާއަށް ދިމާވި ކަމެއްގެ ތަފުސީލު ފުލުހުން އަދި ނުދެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ބާރު ސުޕީޑުގައި ދުއްވާ ކާރާއި ސައިކަލް ފަދަ އެއްޗެހިން ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި އެބަހުއްޓެވެ. އެފަދަ ބައެއް އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ނުކުޅެދުންތެރިކަން ހުންނަ ހާލަތަށް ދިއުން ފަދަ ކަންކަން ދިމާވެފައިވެއެވެ.

comment ކޮމެންޓް