އަވައްޓެރި ބަންގްލަދޭޝްއިން ވަގުތީ ގޮތުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ބަންގްލަދޭޝްގައި އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުން މާދަމައިން ފެށިގެން އަންނަ މަހުގެ 15 އާ ހިސާބަށް ހުއްޓާލަން ނިންމިކަން ހާމަކުރީ އިއްޔެއެވެ. އެހެންވެ، އެ ކަމަށް ސަމާލުވާން އިއްޔެ ދިވެހި ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެކަމަކު، ފޮރިން މިނިސްޓްރީން މިއަދު ވަނީ ބަންގްލަދޭޝްގެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެހެންވެ، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހީންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ވެސް ތިބެއެވެ. އެހެންވެ، އެ ދަރިވަރުންގެ އާއިލާ ވެސް އާންމު ގޮތެއްގައި އެ ގައުމަށް ދަތުރުކޮށް ހަދައެވެ. އަދި، އަންނައުނު ފަދަ ސާމާނު ގަންނަން ބައެއް ވިޔަފާރިވެރިން ވެސް އެ ގުއުމަށް ދަތުރުކުރެއެވެ.