ސައިކަލު ވައްކަމުގެ އެތައް ރެކޯޑެއް، އަނެއްކާ ވެސް ވަގަށް ނެގި ސައިކަލަކާއެކު ހައްޔަރުކޮށްފި

---- ފޮޓޯ/ ފުލުހުން

ސައިކަލު ވަގަށް ނެގުމުގެ ރެކޯޑް އޮތް ދިވެއްސަކު, އަނެއްކާ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްގައި އުޅެނިކޮށް އިއްޔެ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 06:29 އެހައިކަންހާއިރު، ހުޅުމާލެ ހައިވަކަރުމަގުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް، ހދ. ވައިކަރަދޫ، ކަސްތޫރި، އަޙްމަދު އަދީބު, 34, ފެނި އޭނާގެ އަމަލުތައް ހުރިގޮތުންނާއި ސައިކަލު ވަގަށް ނެގުމުގެ ގިނަ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމުން ޝައްކުކުރެވިގެން ވަނީ ހުއްޓުވާފައި ކަމަށެވެ.

ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރިއިރު ވަގަށް ނަގާފައިވާ ސައިކަލެއް ގެންގުޅުނު މައްސަލައިގައި އޭނާ ވަނީ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީހުން އަގު ބޮޑުކޮށް ގަންނަ, ސައިކަލް ވަގަށް ނެގުމަކީ މާލެ ސަރަހައްދުގައި އާއްމު ކަމެކެވެ. އަދި ވައްކަމުގެ މައްސަލަތަކަކީ ކޮންމެ އަހަރަކު ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލައެވެ.

comment ކޮމެންޓް