ރަޝާގެ ދެވަނަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ޒުވާން ބަތަލާ ރަޝާ ތަޑާނީ--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގެ މަގުބޫލު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީގެ ކެރިއަރުގެ ދެވަނަ ފިލްމުގެ ފަސްޓް ލުކް ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފިއެވެ.

"ލައިކީ ލައިކާ"ގެ ނަމުގައި ގެނެސްދޭ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ޖޫން މަހުއެވެ. ރަޝާއާ އެކު އެކްޓަރުގެ ރޯލްއިން ޒުވާން ފިލްމީ ތަރި އަބޭ ވަރުމާ ފެންނާނެ "ލައިކީ ލައިކާ" އަކީ ސްޓްރީޓް-ސްޓައިލް-ރޮމޭންޓިކް-އެކްޝަން ފިލްމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަބޭ ވަރުމާ އަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު މެޑޮކް ފިލްމްސްގެ "މުންޖުޔާ"ގެ އެކްޓަރެވެ. އަބޭ އަކީ އެކްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ވެސް މުހިއްމު ރޯލެއް ކުޅޭ އެކްޓަރެކެވެ.

"ލައިކީ ލައިކާ"ގެ ފަސްޓް ލުކް ޕޯސްޓަރު--ފޮޓޯ/އިންޑިއާޓުޑޭ

ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ރަޝާ އަދި އަބޭ ވެސް ނުފެނުނު ނަމަވެސް މި ފިލްމަކީ މިހާރުގެ ޒުވާނުންނަށް ވަރަށް ގުޅޭނެ ކަހަލަ ގޮތަކަށް އުފައްދާ ފިލްމެއްކަން ޕޯސްޓަރުން ދޭހަވެއެވެ. ސޯރަބް ގުޕްތާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޕްލޮޓާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޑައިރެކްޓަރު އަބިޝޭކް ކަޕޫރު ގެނެސްދިން ފިލްމު "އާޒާދު"އިން ފިލްމީ ދާއިރާއަށް ތައާރަފްވި 20 އަހަރުގެ ބަތަލާގެ އެ ފިލްމަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފިލްމުގައި ހިމެނި މަޝްހޫރު ލަވަ "އުއި އަންމާ"ގައި ރަޝާ ދައްކާލި ނެށުމުގެ ހުނަރަށް ގިނަ ބަޔަކު ތައުރީފުކުރިއިރު ވަރަށް ގިނަ ބަޔަކަށް ރަޝާގެ އެކްޓިންގް ވެސް ކަމުދިޔައެވެ.

ރަޝާ މަސައްކަތް ކުރަމުން އަންނަ އިތުރު ފިލްމުތަކުގެތެރޭ "ސްރިނިވާސާ މަންގަޕޫރަމް"ގެ ނަމުގައި އުފައްދާ ތެލުގޫ ފިލްމެއް ހިމެނެއެވެ. މި ފިލްމަކީ ތެލުގޫ އެކްޓަރު މަހޭޝް ބާބޫއަށް ބޮޑު ބޭބެ ކިޔާ ޖަޔަ ކްރިޝްނާ ގައްޓަމްމަނޭނީ ފިލްމީ ދާއިރާއަށް ތައާރަފްވާ ފިލްމެވެ.

comment ކޮމެންޓް