ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ރެމޯ ޑި'ސޫޒާގެ އާ ފިލްމު "އޭބީސީޑީ 3"އިން ހުނަރުވެރި ނެށުންތެރިޔާ/އެކްޓަރު ރާގަވް ޖުޔަލް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމު "އޭބީސީޑީ: އެނީ ބޮޑީ ކޭން ޑާންސް"ގެ ނަމުގައި 2013 ވަނަ އަހަރު ރެމޯ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުގެ ކާސްޓުގައި ރާގަވް ނުހިމެނުނު ނަމަވެސް އެ ފްރެންޗައިސްގެ ދަށުން 2015 ވަނަ އަހަރު ގެނެސްދިން ދެ ވަނަ ފިލްމުގެ ކާސްޓުގައި ރާގަވް ހިމެނެއެވެ. އެހެންކަމުން އެ ނަމުގައި ރެމޯ ގެނެސްދޭން ނިންމާފައިވާ ތިން ވަނަ ފިލްމުން ވެސް ރާގަވް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
ފިލްމު "ކިލް"އިން ރާގަވް ކުޅުނު ކެރެކްޓާއަށް ލިބުނު ސަމާލުކަމާ އެކު އޭނާ ވެފައި ވަނީ ނެށުމުގެ ހުނަރާ އެކު އެކްޓިންގް ދާއިރާއިން ވެސް ވަރަށް އުޖާލާ ކުރިމަގެއް އޮތް ޒުވާނަކަށެވެ.

ބޮލީވުޑްގެ ކުޅަދާނަ ކޮރިއަގްރާފަރު ރެމޯ ޑި'ސޫޒަ އަދި ރާގަވް ޖުޔަލް--ފޮޓޯ/ބޮލީވުޑްހަންގާމާ
ރިޕޯޓުތައް ބުނާގޮތުން ފިލްމު "އޭބީސީޑީ 3" ކުޅެން ރާގަވް އެއްބަސްވިޔަސް އެ އެއްބަސްވުމަކީ ފޭނުންނަށްޓަކައި ގެނެސްދޭ ފިލްމަކަށްވުރެ ރާގަވްގެ އެކްޓިންގް ކެރިއަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ކުޅޭ ފިލްމަކަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ.
ފިލްމު "އޭބީސީޑީ 2"ގައި ރާގަވް ކުޅުނީ ސަޕޯޓިންގް ރޯލެކެވެ. އެހެންވެ ތިން ވަނަ ފިލްމުގައި ސަޕޯޓިންގް ރޯލަކަށްވުރެ ބޮޑަށް ރާގަވްއަށް މުހިއްމުވާނީ އެކްޓަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ހުނަރު ސްކްރީނަށް ގެނެސްދެވޭނެ ކަހަލަ ބޮޑު ރޯލެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހަމައެއާއެކު ފިލްމު "އޭބީސީޑީ 3"އިން ރާގަވްއަށް ފުރުސަތުދޭ ނަމަ ރެމޯގެ ވިސްނުން ވެސް ހުރީ ނެށުންތެރިޔަކަށްވުރެ ބޮޑަށް ރާގަވްއަށް އެކްޓަރެއްގެ ހައިސިއްޔަތުން ތަންކޮޅެއް ވަރުގަގަ ރޯލެއް ދިނުމަށް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ސަބަބަކީ ރާގަވްއަށް އޯޑިއަންސްގެ އިތުވާރު އެންމެ ބޮޑަށް މިވަގުތު އޮތީ ނެށުންތެރިޔަކަށްވުރެ ބޮޑަށް އެކްޓަރެއްގެ ގޮތުގައި ކަމަށްވާތީ ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.
ރާގަވްގެ މޮޅު އެކްޓިންގް ދައްކާލި ފިލްމުތަކުގެތެރޭ "ޔުދްރާ" އަދި ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް" ހިމެނެއެވެ. އޭނާ އަންނަނީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ބިޔަ ޕްރޮޖެކްޓް "ކިންގް"ގައި ވެސް މަސައްކަތް ކުރަމުންނެވެ.
ރާގަވްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ހަސަލް" އަދި "ދަ ޕެރެޑައިސް"ގެ ނަމުގައި އުފައްދާ ފިލްމެއް ވެސް ހިމެނެއެވެ.