ނޯރާގެ ސިއްރު ލޯބިވެރިޔަކީ ހަކީމީ؟

އިންޑިއާގެ މަގުބޫލު ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ އާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތޭހީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ މަޝްހޫރު ޑިފެންޑަރު އަޝްރަފް ހަކީމީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

ނޯރާ އާއި ހަކީމީގެ ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތަކެއް އަރާފައިވާއިރު މިދިޔަ ޑިސެމްބަރު މަހު ބަތަލާގެ ސިއްރު ލޯބިވެރިޔަކީ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މިދިޔަ ޑިސެމްބަރު މަހުތެރޭ ނޯރާ ވަނީ އެފްކޮން 2025ގެ ފުޓްބޯޅަ މެޗެއް ބަލަން މޮރޮކޯއަށް ވެސް ގޮސްފައެވެ.

އޭރު ރިޕޯޓުތަކުން ބުނިގޮތުގައި ނޯރާ ދިޔައީ ބަތަލާ ސިއްރު ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިޔާއަށް ސަޕޯޓު ކުރުމަށެވެ. ނަމަވެސް އެ މީހެއްގެ ވަނަވަރު އޭރު އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ނޯރާ އެފްކޮން 2025 ފުޓްބޯޅަ މުބާރާތުގެ މެޗެއް ބަލަން މޮރޮކޯއަށް ދިޔަކަން ސަޕޯޓަރުންނާ ހިއްސާކުރި ފޮޓޯ--ފޮޓޯ/އެންޑީޓީވީ

މިހާތަނަށް މި ގުޅުމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި ނޯރާ އަދި ބަތަލާގެ ޓީމުން ވަކި އެއްޗެއް ބުނެފައި ނެތް ނަމަވެސް ނޯރާގެ އިންސްޓަގްރާމް ޕޯސްޓަށް ފުޓްބޯޅަ ކުޅުންތެރިޔާ އަޝްރަފް ހަކީމީ ލައިކްއެއް ދިނުމުން ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށް ދެކެވޭ ވާހަކަތަކުގައި ކޮންމެވެސް ހަގީގަތެއް އެކުލެވޭ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ނޯރާ އާއި އަޝްރަފް ހަކީމީއަކީ ވެސް މޮރޮކޯގެ ދަރިފަސްކޮޅަށް ނިސްބަތްވާ ދެ މީހުންނެވެ. ހަކީމީ އަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފުޓްބޯޅަ ކުޅުންތެރިންގެތެރޭ ހިމެނޭ މީހަކަށްވާއިރު ނޯރާ ވެސް އަންނަނީ އެކްޓިންގް ދާއިރާ އާއި ނެށުމުގެ ދާއިރާގެ އިތުރުން މިއުޒިކީ ކެރިއަރުގައި ބައިނަލް އަޤްވާމީ ސްޓޭޖްތަކުން މަޝްހޫރުކަން ހޯދަމުންނެވެ.

ނޯރާ ދާދިފަހުން މިއުޒިކް ވީޑިއޯ އުފެއްދި ފަންނާނުންގެތެރޭ ޖޭސަން ޑެރުލޯ އަދި ރޭވަން ހިމެނެއެވެ.

ނޯރާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު އެމެޒޯން ޕްރައިމްއިން ގެނެސްދިން ފިލްމު "ބޭ ހެޕީ"އިންނެވެ.

ހަކީމީ ވަނީ ކުރިން ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް ކުދިން ވެސް ތިބެއެވެ. އެ ކައިވެނި ރޫޅުނު ހާދިސާއަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ. އެއީ ހަކީމީގެ މުދަލާއި ފައިސާ، އޭނާގެ މަންމަގެ ނަން މައްޗަށް ބަދަލުކޮށްފައިވާތީވެ، އޭނާގެ މިލްކިއްޔާތުން ބައެއް ހޯދުމަށް ކުރީގެ އަންހެނުން ހިބާ އަބޫކް ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

comment ކޮމެންޓް