ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީގެ އާ ފިލްމު "މަރުދާނީ 3"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ރާނީ ފުލުސް އޮފިސަރެއްގެ ރޯލްއިން ފެންނާނެ "މަރުދާނީ 3"ގެ ޓްރެއިލާ ރިލީޒްކުރުމާ އެކު ގިނަ ބަޔަކު ވަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް އެ ފިލްމު ރިލީޒްކުރާ ދުވަހަށް އިންތިޒާރުކުރާ ކަމަށް ބުނެފައެވެ. އޭގެތެރޭގައި ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބަޔަކު ހިމެނެއެވެ.
އޭގެތެރޭގައި ރާނީގެ ގާތް ރަހްމަތްތެރިން ކަމަށްވާ ޕްރޮޑިއުސަރު ކަރަން ޖޯހަރު، ، ރިއާ ކަޕޫރު، އެކްޓަރު އަނިލް ކަޕޫރު އަދި ބަތަލާ އާލިއާ ބަޓް ހިމެނެއެވެ.
ފިލްމު "މަރުދާނީ 3"ގެ ޓްރެއިލާ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުން އަނިލް ބުނީ ރާނީގެ ކޮންމެ މަސައްކަތަކީ ވެސް ބެލުންތެރިން ބަލައިގަންނަ ހަމައެއާއެކު އުފެއްދުންތެރި މަސައްކަތްތަކެއް ކަމަށެވެ.
އެހެންވެ ފިލްމު "މަރުދާނީ 3" އަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅަށް ހިނގާނެ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަނިލް ވަނީ ބުނެފައެވެ.

ފިލްމު "މަރުދާނީ 3"ގެ ޓްރެއިލާގެ ބައެއް މަންޒަރުތައް--ފޮޓޯ/ހިންދުންސްތާންޓައިމްސް
ހަމައެއާއެކު ފިލްމު އިންޑަސްޓްރީގައި 30 އަހަރު ހޭދަކުރިއިރު މިހާތަނަށް ރާނީ އަކީ ޕްރޮޑިއުސަރުން ބަތަލާއަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ފިލްމީ ދާއިރާގެ މަސައްކަތުގައި ދެމިހުރި ބަތަލާއެއްކަން ފާހަގަކޮށް އަނިލް ވަނީ ރާނީއަށް ޝުކުރު އަދާކޮށްފައެވެ.
ފިލްމު "މަރުދާނީ 3"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލިއިރު މިފަހަރު ފިލްމުގައި ވިލެންގެ ރޯލްއިން ފެންނާނީ ބަތަލާ މަލިކާ ޕްރަސާދުއެވެ. މަލިކާ ޕްރަސާދުގެ ކެރެކްޓާ އަކީ ވަރަށް ނުރައްކާތެރި އެހާމެ ރަހުމްކުޑަ ކެރެކްޓާއެއްކަން ފިލްމުގެ ޓްރެއިލާއިން ހާމަކޮށްދިންއިރު ރާނީ އާއި މަލިކާގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުން ފެންނާނެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ "މަރުދާނީ 3"އަކީ ރާނީގެ ފިރިމީހާ އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ.
ފިލްމު "މަރުދާނީ 3"ގެ ވާހަކަ ބިނާކޮށްފައި ވަނީ ތުއްތު އަންހެން ކުދިންގެ ހިއުމަން ޓްރެފިކިންގް ހާދިސާތަކުގެ މައްޗަށެވެ.