ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله، އިންޑިއާގެ ނިއުދިއްލީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޢަބްދުއްރަޙީމް ފުރާވަޑައިގަތީ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
ޢަބްދުއްރަޙީމް ވަޑައިގަންނަވަނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، މި ދަތުރުފުޅުގައި ޢަބްދުއްރަޙީމާ އެކު އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.
އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް ވަޑައިގަންނަވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައި، މި ހިނގާ ވިހިވަނަ މަޖިލިސް ކުރުކޮށްލާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޢަބްދުއްރަޙީމް ވަނީ މިދިޔަ ފެބްރުވަރީ މަހު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެއީ، އިންޑިއާގެ ލޮކް ސަބާގެ ރައީސް އޯމް ބިރުލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ.
އަބްދުއްރަހީމް އެ ދަތުރުފުޅުގައި އޯމް ބިރުލާއާއި ޖަގްދީޕް ދަންކަރުގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނާ ވެސް ބައްދަލުކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނެ ކުރިއަށްގެންދިޔަ 'އިންޑިއާ އައުޓް' ކެމްޕެއިނާއެކު ކަމަށްވެފައި، ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ނައިބު ވަޒީރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިއެވެ.
އެއާއެކު އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރަން 2024 ވަނަ އަހަރު ކެމްޕެއިނެއް ފަށައި، އެ ގައުމުގައި ރާއްޖޭގެ މަގުބޫލުކަން ދަށަށް ދިޔައެވެ.
އެއަށް ފަހު މި ސަރުކާރުން ވަނީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއްކޮށް، އެކަން ކާމިޔާބުވެފައިވާ ކަމަށް ވެސް ބުނެފައެވެ. އަދި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށް އެ އަހަރުގެ ޖޫން މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ.
އޭގެ ފަހުން މޯދީ ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ އިހުތިފާލުތައް ޝަރަފުވެރިކޮށްދެއްވުމަށް މިދިޔަ ޖުލައި މަހު ރާއްޖެ ވަޑައިގެންފައެވެ.