ގްރީންލޭންޑް ނަގަން ޓްރަމްޕަށް އޮތީ ވަރަށް ކުޑަ ވަގުތުކޮޅެއް: ރަޝިއާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން -- ފޮޓޯ/ އޭޕީ

މޮސްކޯ (13 ޖަނަވަރީ 2026): އެމެރިކާ ވަރަށް އަވަހަށް ހަރަކާތްތެރި ނުވެއްޖެނަމަ ގްރީންލޭންގެ ރައްޔިތުން ރަޝިއާއާ ގުޅެން އެ ގައުމުގެ ރައްޔިތުން ފެންނަ ނުފެން ވޯޓަކުން ނިންމާނެ ކަމަށް ވިދާޅުވެ، ރަޝިއާގެ ކުރީގެ ރައީސް އަދި ރަޝިއާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބު ޑިމިޓްރީ މެޑްވެޑޭވް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިންޒާރެއް ދެއްވައިފިއެވެ.

މެޑްވެޑޭވާ ހަވާލާދީ ރަޝިއާގެ އިންޓަފެކްސް ނޫސް އެޖެންސީ ބުނި ގޮތުގައި ގްރީންލޭންޑް ނެގުމަށް ޓްރަމްޕަށް އޮތީ ކުޑަ ވަގުތުކޮޅެކެވެ. އެހެންނޫނީ ފެންނާނީ އެ ސަރަހައްދު ރަޝިއާއާ ގުޅުމަށް ފެންނަ ނުފެންނަ ވޯޓަކުން އެ ސަރަހައްދުގެ ރައްޔިތުން ނިންމާތަނެވެ. އެ ހިސާބު ޓްރަމްޕަށް ފުރުސަތު ގެއްލުނީއެވެ. ޓްރަމްޕްގެ ހުވެފެންތައް ބިލާހަކަށްވީއެވެ.

މިއީ ޓްރަމްޕަށް މަލާމަތްކުރައްވައި މެޑްވެޑޭވް ދެއްވި އިންޒާރެއް ކަމަށް ހުޅަނގުގެ ބައެއް މީޑިއާތަކުން ސިފަކޮށްފައިވާއިރު، އަނެއްބައި މީޑިއާތަކުން ބުނަނީ މިއީ ޖެއްސުންކުރުމުގެ ސާކާސްޓިކް ގޮތަކަށް މެޑްވެޑޭޥް ޓްރަމްޕަށް އަމާޒުކޮށް ވިދާޅުވި މާނަފުން އިންޒާރެއްކަމުއެވެ.

މެޑްވެޑޭވާ ހަވާލާދީ ރަޝިއާގެ އިންޓަފެކްސް ނޫސްއެޖެންސީ ބުނިގޮތުގައި ރަޝިއާއާ ގުޅުމާމެދު ގްރީންލޭންޑްގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ހައެއްކަ ދުވަހުގެ ތެރޭގައި ނަގާނެއެވެ. އަދި، އެ ވޯޓުގައި ގްރީންލޭންޑްގެ ރައްޔިތުން އިއްތިފާގުން ނިންމާނީ ރަޝިއާގެ ދަށަށް ދިޔުމަށެވެ.

ޓްރަމްޕްގެ ކުރިމަތީގައި މާ ގިނަ ވަގުތެއް ނެތެވެ. އެއަށް ފަހު އެމެރިކާގެ ދިދައަށް ތަރިއެއް އިތުރު ކުރުމުގެ ފުރުސަތު ޓްރަމްޕަށް ގެއްލުނީއެވެ.

ޑިމިޓްރީ މިޑްވެޑޭވް

ރަޝިއާގެ ވެރިކަމުގެ ހައިރާކީގައި ދެވަނައަށް އެންމެ ބާރުގަދަ ފަރާތުން މި ފަދަ ގޮތަކަށް ގްރީންލޭންޑާ ބެހޭ ގޮތުން ޓްރަމްޕަށް އިންޒާރުދެއްވުމުގެ ބޭނުމާއި އޭގައި ފޮރުވިފައިވާ މަގުސަދާ މެދު ސީރިއަސް އަދި ބިރުވެރި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިއީ ޓްރަމްޕް ސިއްސުވާލަން ވިދާޅުވި އެއްޗެއްކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ ގްރީންލޭންޑް ސުލްހަވެރި ގޮތުގައި ނޫނީ އެ ނޫން ގޮތަކުން ވެސް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބާރުގެ ބޭނުންކޮށްގެން ގްރީންލޭން އަތްދަށުލައި އެތަން އިސްތިއުމާރުކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް ޓްރަމްޕް އެމެރިކާ ސިފައިންގެ ޖެނެރަލުންނަށް ހުށަހެޅުމުން ޖެނެރަލުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑެންމާކާއި ގްރީންލެންގެ ނުރުހުމުގައި ޓްރަމްޕް އެ ސަރަހައްދު އެމެރިކާގެ ތަނަކަށް ހައްދަވައިފިނަމަ ނޭޓޯ ރޫޅޭނެކަމުގެ އިންޒާރު ޔޫރަޕްގެ މަސްއޫލުވެރިން ވަނީ ދެއްވާފައެވެ. ޑެންމާކާއި ގްރީންލެންޑްގެ ބޮޑުވަޒީރުންވަނީ އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމާ ދެކޮޅުހަދާކަން އެތައް ފަހަރަކު ހާމަކުރައްވާފައެވެ.

ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ވަނީ ގްރީންލެންޑް ހިމާޔަތްކުރަން ޔޫރަޕްގެ ޚާއްސަ އަސްކަރީ ބާރެއް އެކުލަވާލުމުގެ ކަންތައް ކުރިއަށް ގެންދާކަން ހާމަކޮށްފައެވެ.

comment ކޮމެންޓް