އެމެރިކާގެ ކެލިފޯނިއާގެ ބެވަލީ ހިލްޓަންގައި އިއްޔެ ބޭއްވި މި އަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑްސްގައި ފިލްމު "ވަން ބެޓްލް އާފްޓާ އެނަދާ" އާއި ޓީވީ ސީރީސް "އެންޑޮލެސެންސް"އިން ގިނަ އެވޯޑުތަކެއް ކާމިޔާބުކޮށްފިއެވެ.
ފިލްމު "ވަން ބެޓްލް އާފްޓާ އެނަދާ"އަށް ހަތަރު ކެޓަގަރީއަކުން އެވޯޑު ލިބުނުއިރު ނެޓްފްލިކްސްގެ ސީރީސް "އެންޑޮލެސެންސް"އިން ވެސް ވަނީ ހަތަރު ކެޓަގަރީއަކުން އެވޯޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން ފިލްމު "ވަން ބެޓްލް އާފްޓާ އެނަދާ"އިން ކާމިޔާބުކުރި އެވޯޑު ކެޓަގަރީތަކުގެތެރޭ:
• އެންމެ މޮޅު މިއުޒިކަލް/ކޮމެޑީ ފިލްމުގެ އެވޯޑު
• އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު (ޕޯލް ތޯމަސް އެންޑަސަން)
• އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑު (ޕޯލް ތޯމަސް އެންޑަސަން)
• އެންމެ މޮޅު ސަޕޯޓިންގް ބަތަލާގެ (ރޯލް ޓެޔާނާ ޓޭލާ)

ފިލްމު "ވަން ބެޓްލް އާފްޓާ އެނަދާ" ކާސްޓުން އެވޯޑާ އެކު--ފޮޓޯ/ބީބީސީ
ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސީރީސް "އެންޑޮލެސެންސް"އިން އެވޯޑު ކާމިޔާބުކުރި ކެޓަގަރީތަކުގެ ތެރޭގައި:
- އެންމެ މޮޅު ލިމިޓެޑް ސީރީސް
- އެންމެ މޮޅު އެކްޓަރުގެ އެވޯޑު (ސްޓީފަން ގްރަހަމް)
- އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ ރޯލްއިން އެވޯޑު (އޯވެން ކޫޕާ)
- ޓީވީ ސީރީސްތަކުގެ އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ އެވޯޑު (އެރިން ޑޫހާޓީ)
މި އަހަރުގެ އެންމެ މޮޅު ޑްރާމާ ފިލްމު ކެޓަގަރީއިން އެވޯޑު ކާމިޔާބުކޮށްފައި ވަނީ ޕޯލް މެސްކަލްއާއި ޖެސީ ބަކްލީ ލީޑް ރޯލް ކުޅުނު ސައިކޮލޮޖިކަލް ތުރިލާ "ހެމްނެޓް"އެވެ. އެ ފިލްމުގައި ޖެސީ ބަލްލީ ކުޅުނު ރޯލަށް ޑްރާމާ ފިލްމުގެ ކެޓަގަރީއިން އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ވަނީ ލިބިފައެވެ.
އެ ކެޓަގަރީއިން އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ ބްރިޒިލިއަން ފިލްމު ޑައިރެކްޓަރު ކްލެބަ މެންޑޮންކާ ފިލްހޯގެ ފިލްމު "ދަ ސީކްރެޓް އެޖެންޓް"ގެ އެކްޓަރު ވެގްނަ މޯރާއަށެވެ.

ނެޓްފްލިކްސްއިން ގެނެސްދިން ސީރީސް "އެންޑޮލެސެންސް"ގެ ކާސްޓުން--ފޮޓޯ/ބީބީސީ
މީގެއިތުރުން މިއަހަރުގެ ގޯލްޑަން ގްލޯބްސްގައި ވިދާލި ފިލްމު އަދި ޑްރާމާ ސީރީސްތަކުގެ ތެރޭ މިދިޔަ އަހަރު ރިލީޒްކުރި ހޮރޯ ފިލްމު "ސިނާސް"، އެމިނޭޓެޑް ފިލްމު "ކޭ-ޕޮޕް ޑީމަން ހަންޓާ" އާއި މެޑިކަލް ޑްރާމާ "ދަ ޕިޓް" އަދި ކޮމެޑީ ސީރީޒް "ދަ ސްޓޫޑިއޯ" ހިމެނެއެވެ.
މި އަހަރުގެ ގޯލްޑަން ގްލޯބްސްގައި ފިލްމު އަދި ޓެލެވިޒަން އުފެއްދުންތަކަށް އެވޯޑު ދީފައިވާއިރު މުޅިން އާ ކެޓަގަރީއެއް ތައާރަފްކޮށް ޕޮޑްކާސްޓް ޝޯތަކަށް ވެސް ވަނީ އެވޯޑުދީފައެވެ.

މި އަހަރުގެ ގޯލްޑަން ގްލޯބް އެވޯޑް ޝޯގެ ހޯސްޓުންގެތެރޭ ހިމެނޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ބީބީސީ
އެގޮތުން މި ކެޓަގަރީއިން ފުރަތަމަ ފަހަރަށް އެވޯޑު ކާމިޔާބުކޮށްފައި ވަނީ އެމެރިކަން އެކްޓްރެސް އެމީ ޕޯލާ މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ގެނެސްދެމުން އައި ކޮމެޑީ އިންޓަވިއު ޕޮޑްކާސްޓް "ގުޑް ހޭންގް ވިތު އެމީ ޕޯލާ"އަށެވެ.
ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެވޯޑު ޝޯ ކަމަށްވާ ގޯލްޑަން ގްލޯބްސް މިއީ ބޭއްވި 83 ވަނަ ފަހަރެވެ. މި އަހަރުގެ އެވޯޑު ޝޯ ހޯސްޓުންގެތެރޭ ކޮމީޑިއަން، ނިކީ ގްލެސަ، އިންޑިއާގެ ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ޖޫލިއާ ރޮބަޓްސް، ޖޯޖް ކްލޫނީ، މިލާ ކުނިސް، އެނާ ދެ އާމަސް އަދި ޖެނިފާ ގާނާ ހިމެނެއެވެ.