މިދިޔަ މަހުގެ ތެރޭ ގެއްލިގެން، ރިކަވާކުރި ތަކެތީގެ އަގު 2.6 މިލިއަން ރުފިޔާއަށް އަރާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލޭ ޕޮލިސް ކޮމާންޑުން މިދިޔަ މަހު ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކޮށްފައިވާއިރު، މިދިޔަ މަހު، ގެއްލިގެން ހޯދި މުދަލާއި، ފައިސާ އަށް 2,673,746.02 ރުފިޔާއަށް އަރައެވެ. މިގޮތުން ފުލުހުން ހޯދި މުދަލުގެ ތެރޭގައި:
- 1،840،000 ރުފިޔާއަށް އަގު އަރާ 38 ސައިކަލު
- 1،54،228 ރުފިޔާއަށް އަގު އަރާ 18 މޯބައިލް ފޯން
- 19،730 ރުފިޔާގެ އަގު އަރާ 4 އިލެކްޓްރޯނިކް ސާމާނު
- ފައިސާ ވަގަށް ނެގުމުގެ 40 މައްސަލަ އަކުން، 416،320.80 ރުފިޔާ
- އެހެނިހެން 50 މައްސަލައަކުން 243،467.22 ރުފިޔާގެ މުދާ
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެންބަރު މަހަށް ވުރެން، މިދިޔަ މަހު ފައިސާ ވަގަށް ނެގުމުގެ މައްސަލަތައް އިތުރުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ނޮވެންބަރު މަހު ފައިސާ ވަގަށް ނެގުމުގެ 32 މައްސަލަ ވަނީ ފާހަގަ ކޮށްފައެވެ.
ނޮވެންބަރު މަހާއި އަޅާ ބަލާއިރު މިދިޔަ މަހު ސައިކަލު ގެއްލިގެން 110 ސައިކަލު ގެއްލިގެން ހޯދާފައިވާއިރު، 31 މޯބައިލް ފޯނާއި 12 އިލެކްޓްރޯނިކް ސާމާނު ވަނީ ހޯދާފައެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭ ސަރަހައްދަކީ، އެންމެ ގިނައިން ކުށްކުށުގެ ރިޕޯޓު ހުށަހަޅާ އެއް ސަރަހައްދެވެ. އެ ކަން ހައްލުކުރުމަށް ޓަކައި، ފުލުހުން އަންނަނީ މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ވެސް ކުރަމުންނެވެ. އަދި ފުލުހުންގެ އެހީ ފަސޭހައިން ލިބޭނެ ގޮތްގޮތް ވެސް ތައާރަފްކުރަމުންނެވެ.