ސަރުކާރަށްވުރެ ގިނަ ކަންކަން ކައުންސިލްތަކުން ކޮށްދޭ، އާންމުން ވެސް މާ ހިތްހަމަޖެހޭ: ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: ވިދާޅުވީ ކައުންސިލުތަކުގެ ޚިދުމަތްތަކާ މެދު ރައްޔިތުން މާ ހިތްހަމަޖެހޭ ކަމަށް --- ފޮޓޯ/ އެމްޑީޕީ

ސަރުކާރުން އަހަރެއްގެ ތެރޭ ކޮށްދޭ ކަންކަމަށް ވުރެ މާ ގިނަ ކަންކަން ކައުންސިލުތަކުން ކޮށްދޭ ކަމަށާއި ކައުންސިލުތަކުން ދޭ ޚިދުމަތްތަކާ ދޭތެރޭ ރަށްރަށާއި ސިޓީތަކުގެ ރައްޔިތުން މާ ހިތްހަމަޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުލްޣަފޫރު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ވުރެ ކައުންސިލުތަކުން މާ ގިނަ ޚިދުމަތްތައް މާ "ނަލަކޮށް، ފަރިކޮށް" ފޯރުކޮށްދީފައި އެބަހުރި ކަމަށެވެ.

"އެންމެ ފަހުން އެމްއެންޔޫއިން ކުރި ދިރާސާއެއް، އެއީ 2024ވަނަ އަހަރު ކުރި ދިރާސާއިން ދައްކާ ގޮތުގައި ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަޖެހެނީ ކައުންސިލުތަކުން ދޭ ޚިދުމަތްތަކާ ދޭތެރޭގައި، ރައްޔިތުންނެއް ނުބުނޭ ފެނަކައިންދޭ ޚިދުމަތް، ނޫނިއްޔާ ސްކޫލުގެ ޚިދުމަތް، ނޫނިއްޔާ ހެލްތު ސެންޓަރުގެ ޚިދުމަތް މާ މޮޅެކޭއެއް،" ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

ރައްޔިތުން ބުނަނީ ކައުންސިލުން ދޭ ޚިދުމަތްތައް ތިމަންނާމެން ހިތްހަމަޖެހޭ ވަރަށް ޚިދުމަތްތައް ލިބެމުންނޭ އަންނަނީ، ހަމަ އެއާ އެއްކޮށް ތިމަންނާމެންގެ ކަންކަން ވަރަށް ފަސޭހައިން ވަރަށް ތަރުތީބުވެގެން ކުރެވިގެން އެބަދެޔޭޢަބްދުލްޣަފޫރު މޫސާ (ގަޕޯ) - އެމްޑީޕީގެ ވަގުތީ ޗެއާޕާސަން

ނަމަވެސް، ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ މެދުތެރޭ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާ އެކު، ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކުން މުހިންމު މަގާމުތަކަށް މީހުން ނެގުމާއި އެކި މަޝްރޫއުތަކަށް ބިންތައް ދޫކުރުން ފަދަ ކަންކަމަށް ދަތިވާ ކަމަށް ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ޢަބްދުލްޣަފޫރު ސިފަކުރެއްވި ގޮތުގައި ކައުންސިލުތަކުގެ ބާރު މިއަދު އޮތީ ކައުންސިލު އިދާރާތަކުގެ "ގޭޓާ" ހިސާބުގައެވެ.

މި ސަރުކާރުން އެއްވެސް ވަރަކަށް ކައުންސިލުތައް ހިންގަން މަގުފަހިކޮށް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން ބުނަމުންދަނީ ކައުންސިލުތަކުގެ ސަބަބުންނޭ ރަށްރަށުގެ ތަރައްގީއަށް ހުރި މަސައްކަތްތައް ނުހިނގަނީ، އެއީ ހަމަ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު، ރައްޔިތުން އައްޔަނުކޮށްފައި ތިބި އެތައް ބައެއްގެ މައްޗަށް މިވަރު އިލްޒާމެއް އަޅުވައި އެ ތަންތަނުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކޮށްގެން ނުވާނެ،" ވެރިކަންކުރާ ޕީއެންސީގެ އާ އޮފީސް އިމާރާތް ހުޅުވުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައިވަނީ، ރައީސް އެ ވާހަކަފުޅު ދެއްކެވީ ކައުންސިލުތަކުގެ "އަގު ވައްޓާލުމަށް" ކަމަށް ސިފަކޮށްފައެވެ. އަދި، ރައީސް އެހެން ވިދާޅުވުމުގެ ބޭނުމަކީ ރައީސް އޮފީހުން އަންގާ އެންގުންތައް ތަންފީޒުކުރާ އިދާރާތަކަށް ކައުންސިލުތައް ބަދަލުކުރުން ކަމަށް ވެސް އެ ޕާޓީން ތުހުމަތުކުރިއެވެ.

ކައުންސިލުތަކުން ރަށްރަށަށް ތަރައްގީ ގެނައުމަށް މަސައްކަތްކުރާއިރު، އެ ކަމަށް ހުރަސް ނޭޅުމަށާއި ރައްޔިތުންގެ މަޝްވަރާއާނުލާ ލާމަރުކަޒީ ގާނޫނު ބަދަލުނުކުރުމަށް ގޮވާލާ ނެރުނު އެ ބަޔާނުގައި އެމްޑީޕީން ބުނީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ބަދަލު ގެނައީ ކައުންސިލުތަކުގެ ހަތަރުވަނަ ދައުރުގެ ފަހު އަހަރު، ކައުންސިލުތަކުން އެކުލަވާލި ފަސް އަހަރުގެ ތަރައްގީގެ ޕްލޭނަށް އަމަލުކުރަމުން ދަނިކޮށް ކަމަށެވެ.

https://sun.mv/216474

ފާހަގަކުރެވޭ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެކި ރަށްރަށުގައި މަޝްރޫއުތައް ހިނގާގޮތް ބެލިއިރު، ކައުންސިލުތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުން ސްކޫލުތަކުގެ އެކްސްޓެންޝަން އިމާރާތްތަކާއި މިސްކިތްތަކާއި ކުޅިވަރު ކުޅޭ ތަންތަން އެޅުމަށް ހުރަސްތައް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ކައުންސިލަރުންގެ އެއްބާރުލުމާ އެކު ކަމަށެވެ.

"އެހެންނަމަވެސް ސަރުކާރާ މިކަމުގައި، ސިޔާސަތުތައް ތަންފީޒުކުރުމުގައި އިދިކީލި ގޮތެއްގައި ސިޔާސީ ގޮތެއްގައި އެކި ކަހަލަ އުނދަގޫތައް ކުރިމަތިކޮށް ރައްޔިތުންނަށް އޭގެން އެކިކަހަލަ ގެއްލުންވާ ގޮތަށް ކަންތައްތައް ކުރާނެ ކައުންސިލުތައް އުފެދިގެން އައިސްފިއްޔާ އެއީ އަޅުގަނޑުމެންނަށް ދާންވީ މިސްރާބަށް ދިއުމަށް ހަމައެކަނި ހުރަސް އެޅެނީކީ ނޫން، އެތައް ތަނެއް މަޑުޖެހި ފަހަތަށް ދަނީ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް