އެއްތަނުން ވަކިކޮށް އަނެއް ތަނަށް, އެ ތަނުން ވަކިކޮށް އަނެއް ތަނަށް އައްޔަންކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ރަށު ތެރޭގައި އޭރު ވެސް އެތައް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރާ އަޑުއިވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ޖުމުލަ 12 ތުހުމަތެއް ކޮށްފައި، ސަސްޕެޑު ވެސް ކުރިއެވެ. އާއިލީ ބޭފުޅުންނަށް ވަޒީފާ ދިނުމާއި، ސިޔާސީ ބޭނުމަށް މުދާ ބޭނުންކުރުމުގެ ތުހުމަތު ކުރެވުނެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވީމާ, މަގާމަކަށް ފަހު މަގާމެއް ދިޔައީ ދެއްވަމުންނެވެ.
ރޭގައި މި ވަނީ މިފަހަކާ ޖެހެންދެން ސަރުކާރުގެ ކުންފުންޏަކާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ލީކް ކޮށްލާފައެވެ. ތެދެއް, ދޮގެއް ނޭނގެއެވެ. އެކަމަކު، އެ އޯޑިއޯގައި އެ ދެއްކި ވާހަކައާއި އެހެރަ ބަހުރުވައެއްތާއެވެ. ބާޒާރުމަތީގެ ވެސް އެންމެ ހުތުރު ގޮތެވެ. އެ ހުރިހާ ކަމަކަށް ވުރެ ނުރައްކަލީ ރައްޔިތުންގެ ކުންފުންޏެއް "ކާލަން ހިނގާ" ށޭ ބުނެ، އެއް ވެރިއަކު އަނެއް ވެރިއަކާ ދެމެދު ފާޅުގައި އެ ދެއްކެވި ކަމަށް ބުނާ "ވައްކަން" ކުރުމުގެ ވާހަކައެވެ.
އެވަރުން ނިމުނީއެއް ނޫނެވެ. އޭނާގެ ހިޔަޅުކަމާއި ކޮށްލަން އުޅޭ މޮޅެތި "ވައްކަންތައް" އެހެން މީހުންނަށް ނޭނގޭހާ މޮޅަށް ކޮށްލާނެ މޭރުމަކުން އަމިއްލައަށް ފަހުރުވެރިވެފައި އެ ވާހަކަ އެ ދިޔައީ ދައްކަމުންނެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. މި ސައްތައިން ސައްތަ އިސްލާމީ ގައުމުގެ އެފަދަ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު, އަންހެން ބޭފުޅުންނާއި އެ ކަނބަލުންގެ ލަދުވެތި ގުނަވަންތަކާ ގުޅުވައި އެ ދެއްކެވި ވާހަކައިން އެނގެނީ ގައުމުގެ އެންމެ މަތި ފަޑީގެ ވެސް ހާލަތެވެ. އެ އޯޑިއޯ ނިމޭއިރު އޭނާ އެ ވިދާޅުވަނީ ކުރަން އުޅޭ ކަންތައް, ފަހަރެއްގައި އެ ބުނާ ބޮޑު ވައްކަން އެހެން މީހުންނަށް އެނގޭނަމަ އެ މީހުން ނޯށުން ރޯނެ ވާހަކައެވެ.
އެ އޯޑިއޯއަކީ ވަކި ބޭފުޅެއްގެ އަޑޭ ބުނާކަށް ނެތީމެވެ. ނަމަވެސް، އެ އޯޑީއޯގައި ނަން ކިޔާ ބައެއް ބޭފުޅުންނާ ދޭތެރޭ ހަމަ ގައިމު ވެސް ފިޔަވަޅު އަޅައިފިއެވެ. މި އޯޑިއޯއާއި އޭގެ ކުރިއާއި އޭގެ ފަހުން ކަންތައް ވެގެން ދިޔަ ގޮތުން އަނެއްކާ ވެސް ދައުލަތުގެ އިސް މަގާމުތަކާ ހަވާލުވެ ތިއްބެވި, "ބޮޑެތި, ބޮޑެތި, ބޭބޭފުޅުންގެ" އަސްލު ސިފަ މި ވަނީ އާއްމުންނަށް ފެންނަން ފަށައިފައެވެ.
މޮޅެތި ވައުދުތަކާއި އަހުދުތަކާއެކު އަންނަ ސަރުކާރުތަކަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައްޔިތުން ފުރުސަތު ދޭއިރު ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި ވައްކަން ކުރާކަމުގެ ތުހުމަތު އަބަދު ވެސް ކުރެވެއެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ކުރާ ވައްކަންތަކުގެ ވާހަކަ އަދި މާ އަޑުގަދައެވެ. އެ ކުންފުނިތަކާ ހަވާލުވެތިއްބަވާ ވެރިންނާއި އެ މީހުންގެ އަރިސް މީހުންނާއި, އޭރަކު ވެރިކަން ކުރާ ޕާޓީއެއްގެ އިސްވެރިންނާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ދިރިއުޅުމަށް އަންނަ ކުއްލި ބަދަލުން ލައްކަ ވާހަކަ ބުނެދެއެވެ. ހުސްއަތާ މަގާމާ ހަވާލުވާއިރު ދައުރު ނިންމާފައި ދަނީ ސަލާމަތް ނުވާވަރަށް ތަނަވަސްކަން ހޯދައިގެންނެވެ. އެހެންކަމުން ވައްކަމަކީ އޭރުވެސް, މިހާރުވެސް ދިވެހި ދައުލަތުގެ ތެރޭގައި މޫ ލައިފައި އޮތް އެންމެ ބޮޑު މައްސަލައެވެ.
މި ފެންނަނީ އަސްލު މަންޒަރު
ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އޮތީ ހާދަހާ ނިކަމެތި ހާލަތެއްގައިކަން ތަފާސްހިސާބުން އެ އޮތީ ފެންނާށެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. ފައިދާގައި ހިންގެނީ މަދު ކުންފުންޏެވެ.
ތަފާސްހިސާބުތަކުން އެކަން ފެންނަން އެބައޮތެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި ހިންގާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އޭގެ ތެރެއިން 22 ކުންފުންޏަކީ ސީދާ 100 ޕަސެންޓް ސަރުކާރުން ހިއްސާ އޮތް ކުންފުންޏެވެ. މިވީ ދިގު މުއްދަތުގެ ތެރޭގައި މީގެ ތެރެއިން ފައިދާއެއް ނެރެވެނީ އެއް އަތުން ގުނާލެވޭހާ މަދު ކުންފުންޏަކަށެވެ. ގާތްގަނޑަކަށް 90 ވަރަކަށް ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގައި, އަދި ކުރަން ނުވާނެ ހުރިހާ ކަމެއް ކޮށްގެންނެވެ. ކޮންމެ އިންތިޚާބަކަށް މަގާމުތައް ބެހުމާއި ކަޑަތައް ޖެހުމުގައެވެ. ކުންފުނިތަކާ ހަވާލުވެ ގިނައިން ތިބީ, ވިޔަފާރިއެއް, ކޯޕްރޭޓް އުސޫލެއް ނުދަންނަ ސިޔާސީންނެވެ. ސަރުކާރު ކުންފުނިތަކުގެ ދަރަނި ހުރީ 125 ބިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ.
އެ ކުންފުނިތައް މެދުވެރިކޮށް ވެސް ސިޔާސީ ބޭނުމަށް އެ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން އެތައް ކަމެއް ސަރުކާރުން އެ އަންނަނީ ކުރަމުންނެވެ.
އޭގެ އެއް މިސާލަކީ ރާއްޖޭގެ ރަސްމީ ވައިގެ ބަނދަރު ހިންގާ އެމްއޭސީއެލް މެދުވެރިކޮށް ރަށްރަށުގައި ޖިމް އެޅުމާއި ބިން ހިއްކަން މިހާރު ފެށިފެށުމެވެ. މަގު ހަދަން އުފައްދާފައި އޮތް އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 113.73 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު އާރުޑީސީއާ ހޮސްޕިޓަލް އަޅަން ހަވާލުކުރަނީއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދޭން އުފައްދާފައިވާ, އަދި އެކަން ނުކުރެވިގެން އުޅޭ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ސްކޫލުތައް އިމާރާތް ކުރަން ހަވާލުކޮށްފިއެވެ. ސިޔާސީ ބޭނުމަށް, ކުންފުނިތަކަށް ނުތަކާ ވަރަށް ވަޒީފާތައް ބަހަނީއެވެ. އޭގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ އިގުތިސާދީ އެތައް މަސައްކަތަކަށް ބުރޫ އަރައިފިއެވެ. އެކަމަކު، އެއަށް ބެލުމެއް ނެތެވެ. މިހެންގޮސް ކުރަން ނުވާނެ, އަދި ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހޭ އެތައް ކަމެއް ދަނީ ކުރަމުންނެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ ނުރައްކާތެރިކަމަކީ ވައްކަން ފާޅުގައި ކުރާ ކުރުމެވެ. މަގާމުގެ ދައުރު ހަމަވާންވާއިރަށް ހޯދުނު ގޮތަކުން, ނާޖާއިޒު ފައިދާ ހޯދަން ވިސްނާ ވިސްނުމާއި އެ އަމަލު ކުރާ ކުރުމެވެ.
ހުރިހާ ސަރުކާރުތަކެއްގައި ވެސް ވައްކަން މިހާ އާއްމުވާ މައިގަނޑު އެއް ސަބަބަކީ ނުމީހުން, މީހުންނަށް ހަދައި އިސް މަގާމުތަކަށް އައްޔަންކުރުމެވެ. ތައުލީމެއް, ތަޖުރިބާއެއް, ހިލްމެއް, އިލްމެއް, ނެތް މީހަކު, ކޯޓު ލައްވައި މާ ސިންގާ މަގާމެއް ދިނީމާ ދެން ވާނެ ގޮތް ވިސްނަވާށެވެ. ދުނިޔެ ރަންވަނީއެވެ. ހިތަށް އެރިކަމެއް ހިތަށް އެރި ގޮތަކަށް ކޮށް ނިންމަނީއެވެ.
"ރާއްޖޭގައި އިސް މަގާމުތަކަށް މީހުން އައްޔަން މި ކުރަނީ މެރިޓް ބޭސްއަކުން ނޫން. ވާހަކައަކީ ގާބިލުކަމަށް ބަލާފައެއް ނޫނޭ. މި ބަލަނީ ސިޔާސީ ގޮތުން ވަފާތެރި ކަމަށް. ނުވަތަ އޭރަކު ހުންނަވާ ރައީސަކު ވިދާޅުވާ ކަމެއް ވިދާޅުވިގޮތަކަށް ކުރާ ކަހަލަ މީހުންނަށް މަގާމު މިދެނީ. ކިޔަވައިގެން ތިބި, ތަޖުރިބާ ހުރި މީހުން މިވަނީ ބާކީ. މިއީ މައްސަލައިގެ ފެށުމަކީ," ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ, ވިޔަފާރި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅަކު ވިދާޅުވިއެވެ.
އޭނާ އެ ދެއްކެވި ވާހަކަށް ބާރު ލިބޭ ހެކިތަކެއް މި ސަރުކާރުގެ އިސް މަގާމުތަކުން ވެސް ފެނެއެވެ. ކުންފުނިތަކަށް އެކަނި ބެލިނަމަވެސްމެއެވެ. ވިޔަފާރި ކުންފުންޏަކާ ހަވާލުވާންވާނީ ކޯޕަރޭޓް ގަވަނަސް އެނގޭ, ދުނިޔެއަށް އަންނަ ބަދަލާއި ވިޔަފާރީގެ ކަންކަމަށް ފަރިތަ ބޭފުޅުންނެވެ. ނަމަވެސް، މި ސަރުކާރުގައި ކުންފުނިތަކުގެ އިސްވެރިންނަށް އެ ތިއްބެވި ބައެއް ބޭފުޅުންނަކީ ހަނގުރާމަކުރަން ތަމުރީނު ހައްދަވައިގެން ތިއްބެވި, ވިދާޅުވިހާ ކަމަކަށް "ޔެސް ސަރ" ވިދާޅުވާ ކަހަލަ ބޭފުޅުންނާއި ދުވަހަކު ބޮޑު, ވިޔަފާރިއެއް ކުރުމުގައި އުޅެފައި ނެތް, ކުރިން ޓީޗަރަކަށް އުޅުއްވި ބޭފުޅުންނެވެ.
ވައްކަން ފާޅުގައި, ބިރެއްގެ ކަންފުޅެއްވެސް ނެތް: ކީއްވެ؟
މި ފަހުން ލީކް ވެގެން އުޅޭ އޯޑިއޯ އެކަންޏެއް ނޫނެވެ. މި ސަރުކާރުގެ އެތައް ވެރިންނަކާއި ކުންފުނިތަކުގައި ތިއްބެވި އެތައް ވެރިންނަކަށް ކޮރަޕްޝަންގެ ތުހުމަތުތައް އެތައް ފަހަރަކު ކުރެވިއްޖެއެވެ. އޭގެ ތެރޭގައި މޯލްޑިވް ގޭހާއި އެޗްޑީސީއާއި އެމްޕީއެލްއާއި ފެނަކައިގެ އިތުރުން ސްޓެލްކޯ ފަދަ ކުންފުނިތަކުގައި ތިއްބެވި ބައެއް ވެރިން ހިމެނެއެވެ.
އެ ބޭބޭފުޅުންގެ މައްޗަށް ކުރެވެނީ ކުދިކުދި ތުހުމަތުތަކެއް ނޫނެވެ. ބޮޑެތި ވައްކަންތަކާއި ނާޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތެވެ. ނަމަވެސް، މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ. އެންމެ ބޮޑު ވަރަކަށް ކޮށްލާ ކަމަކީ މަގާމުން ވަކި ކުރުމެވެ. އެ ވެސް ބައެއް ބޭފުޅުންނެވެ. އަނެއް ބައި ބޭފުޅުން ތުހުމަތުތަކާ އެކު ވެސް މަގާމުގައި ވެސް އެބަތިއްބެވެ. އަދި، މަގާމުން ވަކި ކުރި ބޭފުޅުން ދެން ފެންނަނީ އެއްވެސް ޝަކުވާއެއް ނުކޮށް, ސަރުކާރު ނިސްބަތްވާ ޕާޓީ ހިންގަވަން އުޅުއްވާ މަންޒަރެވެ.
ހަގީގަތަކީ ރައްޔިތުންގެ ފައިސާއަށް ޚިނާޔާތްތެރިވުމުން އޮންނާނެ އަދަބަކީ ހަމައެކަނި އެ ހުރި މަގާމުން ދުރު ކުރުމެއް ނޫނެވެ. އެ ކުރެވޭ ތުހުމަތުތައް ބަލައި ސާބިތުވާނަމަ ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި، ސާބިތު ނުވާނަމަ އެކަން ރައްޔިތުންނަށް އަންގަން ޖެހޭނެއެވެ. ބަޔަކު ކިތަންމެ ލުއިކޮށް ނެގިޔަސް, ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމަކީ ކުޑަ ކަމެއް ނޫނެވެ.
"އަސްލު ރާއްޖޭގައި އަދަބެއް ނުދެވެއެއްނު ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް. ރައީސް މައުމޫން {އަބްދުލްގައްޔޫމް} އިން ފެށިގެން ކޮންމެ ވެރިކަމެއްގައި ވެސް ހަމަ ވައްކަންތައް އެބަ ހިނގާތާ. އެކަމަކު ކޮންކަމެއް ކުރެވުނީ؟ ކޮން އަދަބެއް ދެވުނީ؟ ހަމަ ނާޖާއިޒު ގޮތުގައި އެ ހޯދި ފައިސާއިން އެ އުދުހެނީތާ. އެހެންވެ ބިރު ނުގަންނަނީ އެ ވައްކަން ކުރަން," ކުރިން ފަނޑިޔާރުކަން ކުރެއްވި، ގާނޫނީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްގީއަށް ހަގީގަތުގައި އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ވައްކަމެވެ. އަދި، ސިންގަޕޫރާއި ޗައިނާ ފަދަ ގައުމުތައް ކުރިއަރައިގެންދިޔަ މައިގަނޑު އެއް ސަބަބަކީ ވައްކަމާއި ކޮރަޕްޝަން ދައުލަތުގެ ތެރެއިން ނައްތާލާ ގޮތެވެ. އެ ގައުމުތަކުގައި އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހެއް ކަމަށް ވިޔަސް, ވައްކަން ކޮށްފިނަމަ, ޚިޔާނާތް ވެއްޖެނަމަ އެ މީހަކަށް ހައްގު އަދަބުދެއެވެ. އަދި، އޭނާގެ މުދާތައް ދައުލަތަށް ނަގައެވެ. ކޮރަޕްޝަނަށް އޮންނަނީ އެހާ ވެސް ހަރުކަށި އުސޫލެކެވެ. ނަތީޖާއަކީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމާއި ހިނާޔާތްވުން އިންތިހާއަށް މަދުވުމެވެ.
ވަކި ކުރުމަކުން ނުފުދޭ, އަދަބު ދޭން ޖެހޭ
އެއްތަނުން ވައްކަން ކުރީމައި އަނެއް ތަނަށެވެ. ނޫނީ ގެއަށެވެ. މިވަރުން ފުދޭހެއްޔެވެ؟ ނުފުދެއެވެ. ސަބަބަކީ އެ ގެއްލުނު ފައިސާ އަނބުރާ ނުލިބޭތީއެވެ. އެ ދިން ގެއްލުމުގެ ބަދަލު ނުލިބޭތީއެވެ. އަދި، އެފަދަ ވައްކަންތައް ކުރަން ދެން ތިބި މީހުން ޖެހިލުން ނުވާތީއެވެ. އެހެންކަމުން ރާއްޖެ މިވަނީ މިކަމުގައި ބަދަލެއް ބޭނުންވެފައެވެ.
ވައްކަން ހުއްޓުވުމާއި ސަރުކާރާއި ކުންފުނިތައް ރަނގަޅު ކުރުމަށް އެންމެ މުހިންމު ކަމަކީ މެރިޓް އުސޫލުން މަގާމުތަކަށް މީހުން އައްޔަންކުރުމެވެ. މާނައަކީ ސިޔާސީ ވަފާތެރިކަމަށް ބެލުމުގެ ބަދަލުގައި ގާބިލު މީހުންނަށް ފުރުސަތު ދިނުމެވެ. ސިންގަޕޫރާއި ޗައިނާގެ މޮޑެލްއަކީ އެއީއެވެ.
ދެން އޮތީ މޫނަށް, ކަނދުރާއަށް, ވޮލެޓަށް ބެލުމެއް ނެތި ކުށްކުރީމާ ހައްގު އަދަބު ދިނުމެވެ. އެކަން ރާއްޖޭގައި ކުރެވެން އޮތީ އޭރަކު ހުންނަ ރައީސުލްޖުމްހޫރިއްޔާއެއް އިހުލާސްތެރިވެގެންނެވެ. ސިންގަޕޫރަށް އެކަންވީ ލީ ކުއާން ޔޫއާއި އޭގެ ފަހުން އެ ގައުމަށް އައި ވެރިން އެ އިޚުލާސްތެރިކަން ދެއްކުމުންނެވެ.
ހަމައެއާއެކު ކޮރަޕްޝަނާއި ޖިނާއީ މައްސަލަތައް ބަލަން ރާއްޖޭގައި އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން މި ހިންގާ އޭސީސީއާއި ފުލުހުންގެ މުއައްސަސާ ފަދަ ތަންތަން އިސްލާހުވާން ޖެހެއެވެ. އެތަންތަން ސިޔާސީ ނުފޫޒުން އެއްކިބާ ކުރަން ޖެހެއެވެ. މިހާރު އޭސީސީފަދަ ބައެއް މުއައްސަސާތައް ފެންނަނީ އޭރަކު އޮންނަ ސަރުކާރަކުން ބުނިހާ ކަމެއް ކޮށްގެން ތިބޭ ބައެއްގެ ގޮތުގައެވެ.
ލީކުވެގެން އުޅޭ އޯޑިއޯއިންނާއި ދެން ކަންތައްތައް މިވާގޮތުން ރާއްޖޭގެ މިސްރާބު މިހުރި ދިމާ ވަރަށް ސާފެވެ. އަވަސް ފިޔަވަޅުތަކެއް ބޭނުންވެއެވެ. ނޫނީ މި ގައުމަށް ސަލާމަތެއް ނެތެވެ. ވަގުންގެ ނުރައްކާ މާ ބޮޑީއެވެ. އެ އޯޑިއޯގައި އެ ވިދާޅުވާގޮތަށް ނޯށުން އެބަރޮމެވެ. މަދު ބަޔަކު ނާޖާއިޒު ގޮތެއްގައި ތަނަވަސްކަން ހޯދާއިރު އާބާދީގެ ބޮޑު ބަޔަކަށް އަސާސީ ޚިދުމަތެއް ނުލިބެއެވެ. މިއޮއް ކުޑަ ގައުމުގެ އާބާދީގެ ބޮޑު ބައެއް އުޅެނީ ދަތި ދިރިއުޅުމެކެވެ. މި ދިރިއުޅުމުގައި އުޅޭ ރައްޔިތުންނަށް ބައެއް ވެރިން އިއްޔެއާއި މިއަދު ވެސް އެ ކުރާ ވައްކަން އެނގެއެވެ. ދެރައީ ނުހުއްޓުވޭތީއެވެ.